އަންނަ މޭ މަހު ރާއްޖޭގައި ބާއްވަން ނިންމާފައިވާ އޭއެފްސީ ޗެލެންޖު ކަޕް ފުޓްބޯޅަ މުބާރާތުގެ މެޗްތައް ކުޅޭ ދެ ދަނޑުގެ ތެރެއިން އައްޑޫ ޒޯން ސްޓޭޑިއަމް ތަރައްގީ ކުރުމުގެ މަސައްކަތް މިއަދު ފައްޓައިފި އެވެ.

މޭ މަހު 19 އިން 30 އަށް ރާއްޖޭގައި ބާއްވާ މި މުބާރާތުގެ މެޗްތައް އައްޑޫ ޒޯން ސްޓޭޑިއަމްގެ އިތުރުން ދެން ކުޅުމަށް ހަމަޖެހިފައި ވަނީ ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގަ އެވެ. އަދި މި ދެ ދަނޑުގެ މަސައްކަތް ތަރައްގީ ކުރުމަށް ޓަކައި ޔޫތު މިނިސްޓުރީގެ ފަރާތުން ވަނީ 71.5 މިލިއަން ރުފިޔާ އަށް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފަ އެވެ.

ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް "ސަން"އަށް މިއަދު ވިދާޅުވީ، ގަލޮޅު ދަނޑުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވާ އިރު، އައްޑޫ ޒޯން ސްޓޭޑިއަމް ތަރައްގީ ކުރުމުގެ މަސައްކަތް ރަސްމީކޮށް ލޯންޗްކުރުމަށް އެފްއޭއެމްއާއި އޮލިމްޕިކް ކޮމެޓީ އަދި މިނިސްޓްރީގެ ވަފުދެއް މިއަދު ނުވަތަ މާދަމާގެ ވަގުތެއްގައި އައްޑުއަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މެޗްތައް ކުޅޭ ދެ ދަނޑުގެ ކަންކަން ކުރިއަށްދާގޮތް ބެލުމަށް ޓަކައި ޚާއްސަ ކޮމެޓީއެއް އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީގެ ފަރާތުން މިހާރު ވަނީ ފަށާފައި ކަމަށް މަލީހް ވިދާޅުވި އެވެ.

"މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށްޓަކައި ކޮމެޓީއެއް އެކުލަވާލުމަށް މިހާރު ވަނީ ނިންމާފައި. އޭއެފްސީގެ ޓީމެއް ވެސް މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށް މިމަހު މާލެ އަންނާނެ." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ގަޅޮޅު ރަސްމީ ދަނޑުގައި މީޑިޔާއަށާއި މެޗް ކޮމިޝަނަރަށް ހާއްސަ ރޫމުތަކެއް ހެދުމަށް ނިންމާފައިވާ އިރު ހިތަދޫ ޒޯން ސްޓޭޑިއަމްގައި ވެސް ދެ ޗޭންޖިން ރޫމް ހެދުމަށް ނިންމާފައިވާ ކަމަށެވެ.

ރާއްޖޭގައި ޗެލެންޖް ކަޕް ބޭއްވުމަށްޓަކައި މުބާރާތުގެ ގުރުލުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް މިހާރު ނިންމާފައި ވަނީ އަންނަ މަހުގެ 12 ވަނަ ދުވަހު ޕެރެޑައިސް އައިލެންޑް ރިސޯޓްގަ އެވެ.

އެފްއޭއެމުން ރާވާފައި ވަނީ ރާއްޖެ ހިމެނޭ ގްރޫޕުގެ މެޗުތައް ގަލޮޅު ދަނޑުގައި ކުޅޭށެވެ. އަދި އަނެއް ގްރޫޕުގެ މެޗުތައް އައްޑޫ ސިޓީގެ ހިތަދޫ ޒޯން ސްޓޭޑިއަމުގައި ބޭއްވުމަށް ވެސް ވަނީ ޕްލޭންކޮށްފަ އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 2015 ވަނަ އަހަރުގެ އޭޝިއަން ކަޕުން ފުރުސަތު ލިބޭ މި މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރާނީ މިޔަންމާ، ކިރްގިސްތާން، އަފްގާނިސްތާން، ފަލަސްތީން، ޕިލިޕީންސް، އަދި ތުރްކުމަނިސްތާނުގެ އިތުރުން ބަނގްލްދޭޝް އެވެ.

ކުރިއަރަމުން އަންނަ ގައުމުތަކަށް އިސްކަން ދީގެން އޭއެފްސީ އިން ބާއްވާ މުބާރާތް އެންމެ ފުރަތަމަ 2006ގައި ބޭއްވީ ބަންގްލަދޭޝްގަ އެވެ. އޭގެ ފަހުން 2008ގައި އިންޑިއާގައި 2010 ވަނަ އަހަރު ސްރީލަންކާގައި ބޭއްވި އިރު 2012 ވަނަ އަހަރު ބޭއްވީ ނޭޕާލުގަ އެވެ.