14 Jan 2014, 11:14
ޔުނައިޓެޑް ނޭޝަންސް ( ޔޫއެން) އިން ހިންގާ ކޮމިއުނިޓީ ބޭސްޑް ކްލައިމެޓްޗޭންޖް އެޑަޕްޓޭޝަން ޕްރޮގްރާމް (ސީބީއޭ) އިން ޖަމިއްޔާ ޖަމާއަތްތަކަށް ދޫކުރާ އެހީ ހޯދުމަށް ކޮންސެޕްޓް ހުށައަޅަން ހުޅުވާލައިފި އެވެ.
ރާއްޖޭގައި ހުންނަ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)ގެ އޮފީހުން އިއްޔެ ބުނީ މޫސުމަށް އަންނަ ބަދަލުތަކަށް ކުދި ޖަޒީރާ ގައުމުތަކުގެ މުޖުތަމައުތައް ތައްޔާރުކުރުމުގެ ޕްރޮގްރާމްގެ އެހީ ހޯދުމަށް ކޮންސެޕްޓް ހުށައެޅުމުގެ ފުރުސަތު މިމަހުގެ 30 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
އެ ޕްރޮގްރާމްގެ ދަށުން ރާއްޖޭގައި އިސްކަން ދޭނީ އައްސޭރިފަށާއި ގޮނޑުދޮއްތައް ހިމާޔަތްކުރުމާއި މީރު ފެނުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ކަމަށް ޔޫއެންޑީޕީން އިއްޔެ ކުރި އިއުލާނުގައިވެ އެވެ. އެހީ ދޭނީ ސީދާ ސިވިލް ސޮސައިޓީތަކަށް ކަމަށާއި އެގޮތުން ގައުމީ އަދި ރަށުފެންވަރުގައި ހިންގާ މަދަނީ ޖަމާއަތްތަކަށް އިސްކަން ދޭނެ ކަމަށް ވެސް ޔޫއެންޑީޕީން ބުންޏެވެ. އަދި ބުނީ މަޝްރޫއަކަށް އެންމެ ގިނަވެގެން ދޭނީ 50،000 ޑޮލަރު ކަމަށެވެ. އަދި ބުނީ މަޝްރޫއެއް ހިންގުމަށް ދެވޭނެ މުއްދަތަކީ 24 މަސް ދުވަސް ކަމަށެވެ.
ހުށައަޅާ ކޮންސެޕްޓްތަކުގެ ތެރެއިން ސީބީއޭ އިން ބަލައިގަންނަ ކޮންސެޕްޓްތައް ހުށައަޅާ ފަރާތްތަކުން ޕްލޭން ކުރުމަށް ބޭނުންވާ އެހީ ދޭނެ އެވެ.
ރާއްޖޭގެ މަދަނީ ޖަމިއްޔާތަކަށް ޔޫއެން އިން ކުރިން ވެސް ވަނީ ބޮޑެތި އެހީތައް ވެދީފަ އެވެ.