14 Jan 2014, 10:45
ލަންޑަން (ޖަނަވަރީ 14): އިރާޤުގައި އިނގިރޭސި ސިފައިން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ހަނގުރާމައިގެ ޖަރީމާތަކުގެ މައްސަލަ ބައިނަލްއަޤްވާމީ ގޮތުން ތަހްގީގު ކުރުމަށާއި މިކަމުގައި ޝާމިލްވާ އިނގިރޭސި ސިފައިންނާއި މަސްއޫލުވެރިންގެ މައްޗަށް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގައި ދަޢްވާ ކުރުމަށް ކުރެވޭ މަސައްކަތަށް އިނގިރޭސި ސަރުކާރުން ދެކޮޅު ހަދައިފި އެވެ.
ޢިރާގު ހަނގުރާމައިގެ ދުވަސްވަރު ޢިރާޤުގެ އާންމުންނާ ދެކޮޅަށް ދެކޮޅަށް އިނގިރޭސި ސިފައިން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ހަނގުރާމައިގެ ޖަރީމާތަކުގެ މައްސަލަ ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަށް ހުށަހެޅުމާބެހޭ ގޮތުން އިނގިރޭސި ދިފާޢީ ވުޒާރާއިން އިއްޔެ ބުނީ މިއީ ބޭނުމެއްނެތް ކަމެއް ކަމުގަ އެވެ. ޢިރާޤުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށްބުނެ ދޮގުހެދުމަށް ފަހު އިނގިރޭސިވިލާތާއި އެމެރިކާ ގުޅިގެން 2003 ވަނައަހަރުން 2011 އަށް، ޢިރާޤަށްއަރައި ކޮށްފައި ވަނީ ޣައިރު ގާނޫނީ ހަނގުރާމައެއް ކަމަށް އދ.ގެ އޭރުގެ ސެކްރެޓަރީ ޖެނެރަލް ކޯފީއަނާން ވެސްވަނީ ސިފަކުރައްވާފަ އެވެ.
މިހަނގުރާމައިގާ އެމެރިކާ ސިފައިންނެކޭ އެއްގޮތަށް އިނގިރޭސި ސިފައިންގެ މައްޗަށް ވަނީ ޢިރާޤުގެ ޢާންމުންގެ ގަޔަށް ބަޑިޖަހައި މެރުމާއި މަދަނީ ތަންތަނަށް ބޮންއެޅުމާއި ހަނގުރާމައިގެ އަސީރުންނަށް ލާއިންސާނީ އަނިޔާތައްކުރުމާއި ޢިރާޤުގެ އަންހެނުން ރޭޕްކޮށް އާއިލާތައް ނިދާފައި ތިއްބައި ގެތަކުގައި ހުޅުޖެހުން ފަދަ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގި ކަމުގެ ތުހުމަތު ކުރެވިފަ އެވެ.
މި ޖަރީމާތަކުގެ މައްސަލަ ބައިނަލްއަޤްވާމީގޮތުން ތަހްގީގު ކުރުމަށާ އަދި މިކަމުގައި ޝާމިލްވާ އިނގިރޭސި ސިފައިންނާއި މަސްއޫލުވެރިންގެ މައްޗަށް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގައި ދަޢްވާ ކުރުމަށް ތަކުރާރުކޮށް އިނގިރޭސި ސަރުކާރުން ގެންދަނީ ދެކޮޅުހަދަމުންނެވެ. މިމައްސަލާގައި އިނގިރޭސި ދިފާޢީ ވުޒާރާއިން އިއްޔެ ބުނެފައިވަނީ ޢިރާޤުގައި އިނގިރޭސި ސިފައިން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ހަނގުރާމައިގެ ޖަރީމާތަކާ ބެހޭ މައްސަލަތައް އިނގިރޭސި ކޯޓުތަކަށް ހުށަހެޅި އޭގެތެރެއިން ބައެއް މައްސަލަތައް ބަލައި އަނެއްބައި މައްސަލަތައް ބަލަމުންގެންދާ އިރު އެމައްސަލަތައް ބައިނަލްއަޤްވާމީ ގޮތުން ތަހްގީގްކޮށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ހުށަހެޅުމުގެ ބޭނުމެއްނެތް ކަމުގަ އެވެ.
އިނގިރޭސި ކޯޓުތަކަށް ހުށަހެޅިފައިވާ މީގެބައެއް މައްސަލަތައް ނިންމައި ހުކުމްކޮށްފައިވާ އިރު އިނގިރޭސީން ހިންގާފައިވާ ޖަރީމާތަކުގެ ޝިކާރައަކަށްވެފައިވާ އިރާގުގެ ބައެއް ޢާއިލާތަކަށް ފައިސާގެ ކުޑަވަރެއްގެ ބަދަލެއް ދިނުން ފިޔަވައި އެހެންކަމެއް އެހުކުމްތަކުގައި ހިމެނިފައެއް ނުވެ އެވެ. ޚާއްސަކޮށް އެ ޖަރީމާތަކުގެ ފަހަތުގައިވާ އިނގިރޭސި ސިފައިންނަށާއި މަސްއޫލުވެރިންނަށް އެކަށީގެންވާ އަދަބު ދިނުމުގެ ހުކުމެއް އިނގިރޭސި ކޯޓުތަކުން ކޮށްފައެއް ނުވާކަން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާއަތްތަކުން ފާހަގަކުރެ އެވެ.
އިނގިރޭސި ސަރުކާރުން ގެންދަނީ ބައިނަލްއަޤްވާމީ ތަހްގީގަކަށް ނުގޮސް އަދި ބައިނަލްއަޤްވާމީ ކޯޓުން ބޭރުގައި އެގައުމުގެ ކޯޓުތަކުގައި މިމައްސަލަތައް ބެލުމަށް މަސައްކަތްކުރަމުންނެވެ. ނަމަވެސް އިނގިރޭސިވިލާތަކީ ސްރީލަންކާފަދަ ގައުމުތަކުގެ ސިފައިން ތަމަޅަ އާންމުންނާ ދެކޮޅަށް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ހަނގުރާމައިގެ ޖަރީމާތަކުގެ މައްސަލަ ބައިނަލްއަޤްވާމީ ގޮތުން ބަލައި ތަހްގީގްކުރުމަށް ބާރުއަޅައި އެކަމާގުޅިގެން ސްރީލަންކާ އާ ދެކޮޅަށް ފިއްތުންތައް ކުރިމަތިކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ގައުމެކެވެ.
އިރާޤު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސި ސިފައިން ޢިރާޤުގެ އާންމުންނާ ދެކޮޅަށް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ހަނގުރާމައިގެ ޖަރީމާތަކުގެ މައްސަލަ ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަށް ހުށަހެޅުމަށް މަސައްކަތް ކުރަމުން ގެންދަނީ އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ބައެއް ޖަމްޢިއްޔާ ބައިނަލްއަޤްވާމީ ފެންވަރުގެ މުސްތަގިއްލު ގާނޫނީ ވަކީލުންނެވެ. މީގެތެރޭގައި އިނގިރޭސިވިލާތުގެ މުސްތަގިއްލު ގާނޫނީވަކީލުންވެސް ހިމެނެއެވެ. (ނޫސްއެޖެންސީތައް)