14 Jan 2014, 10:17
އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް ޖޯން ކެރީގެ ފަރާތުން ރަޝިޔާގެ ފޮރިން މިނިސްޓަރު ސަރުގެއި ލާވްރޯވްއަށް ދެ އަލުވި ހަދިޔާކޮށްފި އެވެ.
ފަރަންސޭސިވިލާތުގެ ޕެރިހުގައި ކުރިއަށް ދިޔަ ހާރިޖީ ބައްދަލުވުމެއްގައި ކެރީ ހަދިޔާކުރެއްވި ދެ އަލުއްވަކީ އެމެރިކާގެ އައިޑަހޯ ސްޓޭޓްގައި އުފައްދާ ހާއްސަ "ރަސެޓް ޕޮޓޭޓޯ" ކިޔާ އަލުއްވެއް ކަމަށް ބީބީސީ އިން ބުނެ އެވެ. ކެރީ ވިދާޅުވީ ލާވްރޯވް އަށް އަލުވި ހަދިޔާކުރެއްވީ އެންމެ ފަހުން ދެބޭފުޅުން ބައްދަލުވި އިރު، އައިޑަހޯގެ މަޝްހޫރު އަލުވީގެ ވާހަކަ ލާވްރޯވް ދައްކަވާފައިވާތީވެ ކަމަށެވެ.
ބީބީސީ އިން ބުނީ ލާވްރޯވް ކެރީގެ ހަދިޔާ ބަލައިގަތްފައި ވަނީ "ޝުކުރުވެރިކަމާ އެކު" ކަމަށެވެ.
ޕެރިހުގައި ކުރިއަށް ދިޔަ އެމެރިކާ އަދި ރަޝިޔާގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމަކީ މި މަހުގެ 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ސޫރިޔާގެ ސުލްހައިގެ ކޮންފަރަންސްގެ އެޖެންޑާ އެކުލަވާލުމަށާއި އިދާރީ ކަންކަން ހަމަޖެއްސުމަށް ބޭއްވެވި ބައްދަލުވުމެކެވެ.
ލާވްރޯވް ވިދާޅުވީ އައިޑަހޯގެ އަލުއްވަކީ ދިގު އެއްޗެއް ކަމުން އެއީ އިނގިރޭސި އީޑިއަމެއް ކަމަށްވާ "ކެރޮޓް އެންޑް ސްޓިކް" އަށް ފެތޭ އަލުއްވެއް ކަމަށެވެ.
"ކެރޮޓް އެންޑް ސްޓިކް" އީޑިއަމްގައި ބުނާ ވާހަކައަކީ ހަދިޔާއެއް ދީގެން ނުވެއްޖެއްޔާ އަދަބު ދީގެންވެސް ބޭނުންވާ ކަން ކުރުވުމެވެ. މިއީޑިއަމްގައި ކެރޮޓުން ހަދިޔާ ރަމްޒުކޮށްދޭއިރު ސްޓިކް ރަމްޒުކޮށްދެނީ އަދަބެވެ.
"ކެރޮޓް އެންޑް ސްޓިކް އޭ ބުނާ އެކްސްޕްރެޝަންގައި މިއަލުވި ބޭނުންކުރެވިދާނެ. އެހެންވީމާ މިއީ ސޫރިޔާގެ މައްސަލާގައި އެމެރިކާ އިން ދިން ރަމްޒީ ކެރޮޓަކަށް ވެދާނެ،" ލާވްރޯވް ވިދާޅުވި އެވެ.
ނަމަވެސް ކެރީ ވިދާޅުވީ އަލުވި ހަދިޔާކުރުމުގައި އެއްވެސް ރަމްޒީ މާނައެއް ނެތް ކަމަށެވެ.
"ކުރިސްމަސްއަށް ފަހު އަޅުގަނޑު އައިޑަހޯގައި ހުރި އިރު ލާވްރޯވްއާ ވާހަކަ ދެއްކިން. ލާވްރޯވް އޭރު ވިދާޅުވީ އައިޑަހޯގެ އަލުވި އެއީ ގިނަ ބަޔަކަށް އެނގޭ އެއްޗެއް ކަމަށް. އެހެންވެގެން ރަނގަޅު އަލުވިކޮޅެއް ލާވްރޯވްއަށް ގެނެސްދިނީ." ކެރީ ވިދާޅުވި އެވެ.
އަބަދުވެސް ވާދަވެރި ދެ ގައުމުކަމަށްވާ އެމެރިކާ އަދި ރަޝިޔާގެ ގުޅުންތައް މިދިޔަ އަހަރު ވަރަށް ބޮޑަށް ހޫނުވެފައިވެ އެވެ. އެއީ އެމެރިކާގެ ސީއައިއޭގެ ކުރީގެ އެނަލިސްޓެއް ކަމަށްވާ އެޑްވާޑް ސްނޯޑެން އެމެރިކާގެ ޖާސޫސީ ސިއްރުތައް ހާމަކުރި އިރު، އެމެރިކާއިން ރަޝިޔާއަށް ޖާސޫސުކުރަން ކޮށްފައިވާ މަސައްކަތްތައް ހާމަވުމާ އެކު، ރަޝިޔާއިން ސްނޯޑެންއަށް ހިމާޔަތް ދިނުމާ ގުޅިގެން ނެވެ.