14 Jan 2014, 10:15
އިނގރޭސި ޕްރިމިއާ ލީގުގައި ރޭ އެސްޓަންވިލާ އަތުން 2-1 ލަނޑުން މެޗް ކާމިޔާބުކޮށް އަލުން ލީގުގެ އެއްވަނަ މަގާމަށް އާސެނަލް ޖެހިލައިފި އެވެ.
އެސްޓަންވިލާގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ އާސެނަލްއިންނެވެ. އެލަނޑު އެ ޓީމަށް މެޗުގެ 34 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އިނގިރޭސި މިޑްފީލްޑަރު ޖެކް ވިލްޝެއާ އެވެ.
މެޗުގެ ލީޑް އާސެނަލްއިން ނެގިތާ މިނެޓެއްގެ ފަހުން އަލުން އެޓީމުން ވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑް ފުޅާކޮށްފަ އެވެ. އެ ލަނޑު އާސެނަލްއަށް ކާމިޔާބު ކޮށްދިނީ ފްރާންސް ފޯވާޑް އޮލިވިއާ ޖިރޫޑެވެ.
ރޭގެ މެޗުގައި އާސެނަލް ކޮޅަށް އެސްޓަންވިލާއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ބެލްޖިއަމްގެ ފޯވާޑް ކްރިސްޓިއަން ބެނެޓެކޭ އެވެ.
ރޭގެ ނަތީޖާއާ އެކު ލީގުގެ އެއްވަނަ މަގާމްގައި އާސެނަލް އޮތީ މިހާތަނަށް އެޓީމް ކުޅުނު 21 މެޗާ އެކު ޖުމްލަ 48 ޕޮއިންޓް ލިބިގެން އެއް ވަނަ މަގާމްގަ އެވެ. ދެ ވަނަ މަގާމް ގައި އޮތީ 47 ޕޮއިންޓާ އެކު މެންޗެސްޓާ ސިޓީ އެވެ. އަދި ތިން ވަނަ މަގާމްގައި 46 ޕޮއިންޓާ އެކު އޮތީ ޗެލްސީ އެވެ. ލީގުގެ ހަތަރު ވަނަ މަގާމްގައި 42 ޕޮއިންޓާ އެކު ލިވަޕޫލް އޮތް އިރު، ފަސް ވަނަ މަގާމްގައި 41 ޕޮއިންޓާ އެކު އޮތީ އެވަޓަން އެވެ.