ހުރިހާ ސްކޫލަކަށް ޓީޗަރުން ހަމަކޮށް ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ސައީދު މިއަދު ސަން އަށް ވިދާޅުވީ މި އަހަރު ރާއްޖޭގެ އެކި ކަންކޮޅުގައި ގާތްގަނޑަކަށް 9000 އަށް ވުރެ ގިނަ ޓީޗަރުން ކިޔަވައި ދިނުމުގައި ހަރަކާތްތެރިވާނެ ކަމަށެވެ. އަދި އޭގެ ތެރެއިން 7000 އަށް ވުރެ ގިނަ ދިވެހި ޓީޗަރުން ކިޔަވައިދިނުމުގައި ހަރަކާތްތެރިވާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށާފައިވާ އިރު އެޑިއުކޭޝަން މިނިސްޓްރީން ވަނީ މި އަހަރަށް ރާއްޖޭން ބޭރުން 260 ޓީޗަރުން ގެނެސްފަ އެވެ.

މި އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ހުރިހާ ސްކޫލެއްގެ ގްރޭޑް 1-7 އަކަށް ގްރުއާން މަޖުބޫރު މާއްދާއެއްގެ ގޮތުގައި ކަނޑައަޅައި ޓީޗަރުން ހަމަކުރުމަށް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީން ކަނޑައެޅި ލަނޑުދަނޑި ވަނީ ހާސިލުކޮށްފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެންވާ އިރަށް 69 ގްރުއާން ޓީޗަރުން ހޯދުމަށް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އިއުލާން ކޮށްފަ އެވެ. ނަމަވެސް ގްރުއާން ޓީޗަރުން ހޯދުމަށް ދެ ފަހަރެއްގެ މަތިން އެ މިނިސްޓްރީން ކުރި އިއުލާންތަކަށް ވެސް ވަނީ އެދެވޭ ތަރުހީބެއް ނުލިބިފަ އެވެ.

ސައީދު ވިދާޅުވީ ގްރުއާން ޓީޗަރުން ހޯދުމަށް އެންމެ ފަހުން ކުރި އިއުލާނަށް ފަހު ވެސް 14 ޓީޗަރުން ބޭނުންވި ނަމަވެސް ގްރުއާން ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ސްކޫލުތަކުގައި ގްރުއާން ކިޔަވައިދޭނެ ކަމަށެވެ.

"ގުރުއާން ޓީޗަރުން ހޯދުމަށް އެންމެ ފަހުން ކުރި އިއުލާން މިދިޔަ އާދިއްތަ ދުވަހު ވަނީ ހަމަވެފައި. އެގޮތުން އަދިވެސް 14 ޓީޗަރުން އެބަ ބޭނުންވޭ. ގްރުއާން ޓީޗަރުން ހަމަނުވާ ސްކޫލުތަކަށް އަޅުނގަޑުމެން ރިސޯސް ޓީޗަރުން ވެސް ނުލިބުނު. އެހެންކަމުން ގްރުއާން ޓީޗަރުން ހަމަވަންދެން ގުރުއާން ކިޔަވައިދެއްވާނީ އިސްލާމް މުދައްރިސުންނާއި އިސްލާމް އެޗްއޯޑީން،" ސައީދު ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ މި އަހަރު މާލޭގެ ސްކޫލްތަކުގެ އެކި ގްރޭޑްތަކަށް ވަނުމަށް ހުށަހެޅި 830 ދަރިވަރުންނަށް ޖާގަދީފަ އެވެ. އަދި ރަށްރަށުން މާލެ އަށް ބަދަލުވާ ކުދިންގެ އިތުރުން މާލޭގެ ޕްރީ ސްކޫލުތަކުން ގްރޭޑް އެކަކަށް ބަދަލުވާން ބޭނުންވި 1،850 ދަރިވަރަކަށް ވެސް މިނިސްޓްރީން ވަނީ ޖާގަ ދީފަ އެވެ.

ރާއްޖެ ތެރޭގައި ތިބޭ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔެވޭނެ ސެން ޔުނިޓްތަކާއި އެފަދަ ކުދިންނަށް ބޭނުންވާ ސްޕެޝަލައިޒްޑް ޔުނިޓުތަކެއް ގާއިމުކުރުމަކީ ވެސް މިސަރުކާރުގެ 100 ދުވަހުގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީން ހާސިލުކުރުމަށް ކަނޑައަޅާފައިވާ އެއް ކަންތަކެވެ.

އެ ލަނޑުދަޑިއާ ގުޅޭ ގޮތުން ސަން އަށް މައުލޫމާތު ދެއްވަމުން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ ސަރުކާރުން ރާއްޖޭގެ ތަފާތު ފަސް ސްކޫލެއްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔެވޭނެ ސެން ޔުނިޓްތަކެއް ގާއިމްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އެތަންތަނުގެ ހިދުމަތް ދިރާސީ އާއަހަރުގެ ކިޔެވުން ފެށިގެން ދެ މަސްދުވަހުގެ ތެރޭގައި ދެވޭވަރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުނގަޑުމެން ސެން ޔުނިޓްތައް ގާއިމްކުރުމަށް ހަމަޖެހިފައި ވަނީ ފަސް ރަށެއްގައި. އެއީ ނ. ވެލިދޫ، ބ. އޭދަފުށި، ކ. މާފުށި، ފ. ނިލަންދޫ އަދި ތ. ތިމަރަފުށި. އަދި ސްޕެޝަލައިޒްޑް ޔުނިޓްތައް ގާއިމްކުރާނީ ހދ. ކުޅުދުއްފުއްޓާއި ފޯމުލަކުގައި. އެ ތަންތަނުގެ ހިދުމަތް މި އަހަރުގެ މާޗް މަހުގެ ތެރޭގައި ދެވޭނެ،" ނަޒީރު ވިދާޅުވި އެވެ.

ނަޒީރު ވިދާޅުވީ އެ ސެންޓަރުތައް ގާއިމް ކުރުމަށް ރަށްތައް ކަނޑައަޅާފައި ވަނީ އަތޮޅުތަކުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ނިސްބަތް ހުރި މިންވަރު ބެލުމަށް ޔުނިސެފުން ދެ ފަހަރެއްގެ މަތިން ހަދާފައިވާ ސާވާއެއްގެ މައްޗަށް ބަލާފައިވާ ކަމަށެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށާފައިވާ އިރު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ މިސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ އެއްވެސް ކުއްޖަކު ބާކީ ނުކޮށް ތަހުޒީބީ މުޖުތަމައުއެއް ގާއިމުކުރުން ކަމަށެވެ. އަދި ދަރިވަރުންގެ ހެވާ ލާބަޔަށް ކުރާ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދަންޖެހޭ ކަމަށާއި އެކަން ހާސިލު ކުރުމަށް އެންމެ އެކުގައި ބުރަ މަސައްކަތެއް ކުރަންޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.