މިހާތަނަށް ވެސް މަސައްކަތްކުރައްވާފައި ވާނީ އިހުލާސްތެރިކަމާ އެކު ކަމަށާއި ރައްޔިތުންގެ މަޖިލީހުން އަލުން ރުހުން ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މިއަދު ބަންޑާރަ ނައިބު ކަމުގެ މަގާމަށް އަލުން ރައީސް އައްޔަން ކުރެއްވި، ކުރިން މަޖިލީހުގެ ރުހުން ލިބިވަޑައި ނުގެންނެވި ޑރ. އަހުމަދު އަލީ ސަވާދު ވިދާޅުވެއްޖެ އެވެ.


މިއަދު ހެނދުނު ބަންޑާރަ ނައިބު ކަމަށް އައްޔަން ކުރެއްވުމުން ސަން އަށް ދެއްވި އިންޓަވިއުއެއްގައި ޑރ. ސަވާދު ވިދާޅުވީ "ވޭތުވެ ދިޔައީ އެހެން ދުވަހެއް، އަދި މިއީ މުޅިން އެހެން ދުވަހެއް" ކަމަށާއި މިފަހަރު މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް ފޮނުއްވެވުމުން މަޖިލީހުން ވިސްނާވަޑައިގެން ރުހުން ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.


"އަޅުގަނޑު ގާނޫނު އަސާސީއާ ހިލާފުވެފައެއް ނޯންނާނެ، އަޅުގަނޑު އުންމީދު ކުރަން މަޖިލީހުގެ މެންބަރުން ގައުމުގެ ހެވަށް ވިސްނަވާނެ ކަމަށް،" ސަވާދު ވިދާޅުވި އެވެ.


މަޖީލިހުން މީގެ ކުރިން ރުހުން ނުދެއްވުމުން އަލުން ބަންޑާރަ ނައިބު ކަމުގެ މަގާމަށް ރުހިވަޑައިގަތީ ކީއްވެގެންތޯ ދެންނެވުމުން ސަވާދު ވިދާޅުވީ ގައުމުގައި ދެބަސްވުންތަކާއި އެއްބަސް ނުވެވޭ ކަންތައްތަކެއް މިވަގުތަށް އެބަހުރި ކަމަށެވެ. އެހެންނަމަވެސް އެންމެން ވެސް މަސައްކަތް ކުރަމުން ދަނީ ވެވުނު އެންމެ ރަނގަޅަކަށް ދައުލަތް ކުރިޔަށް ގެންގޮސް އާހިރުގައި ހައްލެއް ހޯދުމަށް ކަމަށެވެ.


"އެއީ އަޅުގަނޑުގެ ލަފަޔަކަށް ކަމަށް ވިޔަސް ނިންމުތަކެއް ނިންމަން ޖެހޭ ދައުލަތް ކުރިޔަށް ގެންދަން އެބަޖެހޭ،" ސަވާދު ވިދާޅުވި އެވެ. "ދެބަސްވުމުގެ ހައްޔަރުގައި ތިބުމުގެ ހާލަތުން ނެއްޓި މަސައްކަތް ކުރަން އެބަޖެހޭ.  އެހެންވީމާ މިވަގުތު ރައީސް އެދިވަޑައިގަތީމާ އަޅުގަނޑު މިގޮތަށް ނިންމީ،"


ސަވާދު ތަކުރާރުކޮށް ވިދާޅުވީ ސަރުކާރުގައި މިހާތަނަށް ކުރެއްވި ހުރިހާ ކަމެއް ވެސް ކުރައްވާފައި ވާނީ އިހުލާސް ތެރިކަމާ އެކު ވެވުނު އެންމެ ރަނގަޅަކަށް ކަމަށެވެ.


މާލިއްޔަތުގެ ގާނޫނު ތަސްދީގު ކުރުމަށް ސުޕްރީމް ކޯޓުން ކުރެއްވި ހުކުމަށް ގާނޫނީ ލަފައެއް ބޭނުންފުޅުވާ ކަމަށް ރައީސް ވިދާޅުވި ވިދާޅުވުމާ މެދު ސުވާލު ދެންނެވުމުން ޑރ. ސަވާދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމް ވަރަށް ސާފު ކަމަށާއި އެކަމާ ވިސްނަވާ ގޮތް ވަރަށް އަވަހަށް ހާމަވެގެން އަންނާނެ ކަމަށެވެ.


ކުރިން ބަންޑާރަ ނައިބު ކަމުގެ މަގާމަށް ޑރ. ސަވާދަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން އޮތްތޯ ނެގި ވޯޓުގައި އެއްކޮޅަށް ލިބިވަޑައިގެންނެވީ ފަސް ވޯޓެވެ. ދެކޮޅަށް 33 މެންބަރުން ވޯޓު ދެއްވި އެވެ.


ޑރ. ސަވާދަކީ މިސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރެވެ. ފަހުން، ބަންޑާރަ ނައިބު ކަމަށް އައްޔަން ކުރެއްވެވީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު އިސްތިއުފާ ދެއްވުމުންނެވެ.


ޑރ. ސަވާދަކީ ރާއްޖޭގެ މިޒާމާނުގެ ތާރީހުގައި ޝަރުއީ ކޯޓަކަށް ވަޑައިގެން ދައުލަތް ތަމްސީލު ކުރެއްވުމުގެ ގޮތުން އަމިއްލަފުޅަށް ވަކާލާތު ކުރެއްވެވި ތިން ވަނަ ބަންޑާރަ ނައިބެވެ. އަދި ޑރ. ސަވާދަކީ ކޯޓުގައި ވަކާލާތު ކުރެއްވެވި  މަޖިލީހުގެ ރުހުން ނެތް ފުރަތަމަ ބަންޑާރަ ނައިބެވެ.