14 Jan 2014, 09:53
ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލްތައް ފާސް ކުރުމަށް މިއަދު ކުރިއަށް ގެންދާ ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވެގެން މެދުކަނޑާލައިފި އެވެ.
ޖަލްސާ މެދުކަނޑާލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ ޖަލްސާ ކުރިއަށް ގެންދިއުމުގައި މެންބަރުންގެ މެދުގައި ވަރަށް ބޮޑަށް ހިޔާލު ތަފާވެފައިވާ ކަމަށާއި އެހެން ކަމުން މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރާއި މަޝްވަރާ ކުރުމަށް ޖަލްސާ މެދުކަނޑާލާ ކަމަށެވެ.
މަޖިލީހުގެ ރައީސް ޖަލްސާ މެދުކަނޑުއްވާލަވަމުން އަލުން ޖަލްސާ ފަށާނެ ވަގުތެއް ވިދާޅެއްނުވެ އެވެ.
މިއަދު ކުރިއަށް ގެންދާ ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާގައި ޖަލްސާ ކުރިއަށް ގެންދިވިފައި ނުވަނީ އެމްޑީޕީގެ މެންބަރުން ނިޒާމީ ނުކުތާ ނަންގަވަމުން ގެންދަވާތީ އެވެ. އެގޮތުން ނިޒާމީ ނުކުތާ ނަންގަވައި އެމްޑީޕީ މެންބަރުން ވިދާޅުވީ ސަރުކާރުން މަސްވެރިންނަށާއި ދަނޑުވެރިން އަދި އުމުރުން ދުވަސްވީ މީހުންނަށް ދޭން ބުނާ ފައިސާ ދޭނެ ނިޒާމެއް ގާއިމް ނުކޮށް ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑު ނުކުރެވޭނެ ކަމަށެވެ. އެހެން ކަމުން ޖަލްސާ ކުރިއަށް ގެންދިއުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އެ މެންބަރުން ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި ސަރުކާރަށް ނިސްބަތްވާ މެންބަރުން އެއްޗެއް ވިދާޅެއް ނުވެ އެވެ.
މިއަދު ކުރިއަށް ގެންދާ ރައްޔިތުންގެ މަޖިޅިހުގެ ހާއްސަ ޖަލްސާ އަށް އެޖެންޑާ ކޮށްފައި ވަނީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އަދި މިދިޔަ އަހަރުގެ ނިޔަލަށް ހުއްޓުމަކަށް އައިސްފައިވާ ބެޑް ޓެކްސް މި އަހަރުގެ ޑިސެމްބަރު 31ގެ ނިޔަލަށް ނަގަމުން ގެންދިއުމަށެވެ. މީގެ 14 އަހަރު ކުރިން 1999 ވަނަ އަހަރު އަމަލު ކުރަން ފެށި ޓޫރިޒަމްގެ ގާނޫނުގެ 35 ވަނަ މާއްދާގެ ހ.ގައި ބުނެފައިވާ ބެޑް ޓެކްސް ނެގުން މިދިޔަ ޑިސެމްބަރު 31، ނިޔަލަށް ވަނީ ނިމުމަކަށް އައިސްފަ އެވެ.
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގައި ބުނެފައިވާ ޓީޖީއެސްޓީ އަށް ޕަސެންޓުން 12 ޕަސެންޓަށް ބޮޑު ކުރުމަށް ހުށަހަޅާފައިވާ ބިލުގެ ބަހުސް ވެސް ކުރިއަށް ގެންދިއުމަށް އަންގާރަ ދުވަހުގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ. އަދި ރިސޯޓްތަކުގެ މުއްދަތު 50 އަހަރަށް އިތުރުކުރުމަށް ދައްކަން ޖެހޭ ފީ ތިން މަސްތުވަހުގެ ތެރޭ ދައްކައި ހަލާސް ކުރުމަށް ހުށަހަޅާފައިވާ ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ވެސް އަންގާރަ ދުވަހުގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ.