ޓެލްއަވީވު (ޖަނަވަރީ 14): ފަލަސްތީނު ރައްޔިތުންގެ އެންމެބޮޑު ގާތިލް ކަމަށް ބެލެވިފައިވާ އިސްރާއީލުގެ ކުރީގެ ހަރުކަށި ބޮޑުވަޒީރު އެރިޔަލް ޝެރޯންގެ ޖަނާޒާ، ރަސްމީ އިއްޒަތުގައި އިއްޔެ ބާއްވައިފި އެވެ.

ސަލާމަތީ ވަރުގަދަ ފިޔަވަޅުތަކާ އެކު ބޭއްވި ޝެރޯންގެ ޖަނާޒާގައި އިސްކޮށް ތިއްބެވީ އިސްރާއީލުގެ ރައީސް ޝަމްޢޫން ޕެރޭޒް އާއި ބޮޑުވަޒީރު ބެންޖަމިން ނަތިނިޔާހޫގެ އިތުރުން މިޖަނާޒާގައި ބައިވެރިވެވަޑައިގެންނެވި އެމެރިކާގެ ނައިބު ރައީސް ޖޯ ބައިޑެންއާއި އިނގިރޭސި ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއަ އެވެ. ބައިޑެންއާއި ބްލެއަރގެ އިތުރުން އިސްރާއީލާ ގުޅުންތައް ބާއްވާ ގައުމުތަކުގެ ތެރެއިން 16 ގައުމެއްގެ މަންދޫބުން ވެސް ޝެރޯންގެ ޖަނަޒާގައި ބައިވެރިވެވަޑައިގެންފައިވާ ކަމަށް އިސްރާއީލުން ބުނެ އެވެ.

ޝެރޯން ފަސްދާނުލީ އިސްރާއީލުގެ އައްނަގަބް ސަރަހައްދުގައިވާ ޝެރޯންގެ އާއިލާގެ ދަނޑުބިމުގައިވާ އޭނާގެ އަނބިކަނބަލުން ލައިލާގެ ކައްވަޅާޖެހިގެން ކަމަށް ޚަބަރުލިބެ އެވެ. އަށް އަހަރުވަންދެން ކޯމާއެއްގައި އޮތުމަށް ފަހު އުމުރުން 86 އަހަރުގައި ޝެރޯން އަވާހަރަވެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ޝެރޯން ހިންގަވާފައިވާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ 1982 ވަނައަހަރު ލުބްނާނާ ދެކޮޅަށް އިސްރާއީލު ކުރި ހަނގުރާމައިގާ ޝެރޯންގެ ބެއްލެވުމުގެ ދަށުން ފަލަސްތީނުގެ ރެފިއުޖީ ދެއަވަށް ކަމަށްވާ ސަބްރާއާއި ޝަތީލާގައި ލުބްނާނުގެ ނަސާރާ ކަތާއިބު ހަނގުރާމަވެރިން ހިންގި ބިރުވެރި ގަތްލުއާންމެވެ. އެގަތްލުއާންމުގައި ފަލަސްތީނުގެ އަންހެނުންނާއި ތުއްތުކުދިންނާއި އަދި މުސްކުޅިން ހިމެނޭގޮތަށް 8،000 އަށް ވުރެ ގިނަ މީހުން ވަރަށް އަނިޔާވެރި ގޮތަކަށް ޝަހީދުކޮށްލައި ފަލަސްތީނުގެ ރެފިއުޖީ އަންހެނުންގެ ތެރެއިން އެތައް ހާސްއަންހެނުން ރޭޕް ކޮށްލާފައިވެ އެވެ. (އަލްޖަޒީރާ)