ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ޑިފެންޑަރު ރިލްވާން ވަހީދު (ރިލޭ) އެ ކްލަބުން ވަކިކޮށްފި ކަމަށް އެ ކްލަބުން ބުނެފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައު 2012 އަހަރު ވިކްޓަރީ ސްޕޯޓްސް ކްލަބުން ނިއުއަށް ގެނައި ގައުމީ ޓީމުގެ ޑިފެންޑަރާ އެކު ނިއުއިން ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައީ އަހްލާގީ މައްސަލައަކާ ގުޅިގެންނެވެ.

ރިލޭއާ ދޭތެރޭގައި ފިޔަވަޅުއެޅުމަށް ނިއުގެ ބޯޑުން ނިންމީ، މިދިޔަ އާދީއްތަ ދުވަހު ހަވީރު އެ ކްލަބުގެ ފަރިތަކުރުން ކުރިޔަށް ދިޔަވަގުތު، ނިއުގެ ކެޕްޓަން އަދި ގޯލް ކީޕަރު އިމްރާނު މުހައްމަދު (އިންމަ)އާއި ދެމެދު ހިނގި ހިތްހަމަ ނުޖެހުމެއްގެ ތެރޭގައި އިމްރާނާ ދިމާއަށް "ތަކުރާރުކޮށް، ހަޑިހުތުރު ބަހުން މުއާމަލާތު ކުރުމުން" ކަމަށް ސަންއަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އަދި އެވަގުތު ކްލަބުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވެސް ކުޅިބަލަން ގޮސް އެހިސާބުގައި ތިބި ކަމަށް ވެއެވެ.

ނިއު އިން ވަނީ މިދިޔަ އަހަރުގެ މޭ މަހުގައި ވެސް ރިލޭއާ ދޭތެރޭގައި އަހްލާގީ މައްސަލައެއް ގައި ފިޔަވަޅު އަޅައިފަ އެވެ. އެއީ ކުލަބުގެ އެއްވެސް ހުއްދައެއް ނެތި އަދި ކުލަބަށް ނާންގާ މެލޭޝިޔާއަށް ގޮސް އެގައުމުގައި ބޭއްވި ފުޓްސަލް މުބާރާތެއްގައި އޭނާ ކުޅެމުގެ ސަބަބުންނެވެ. އެފަހަރު އެ ކްލަބުން ވަނީ ރިލޭގެ އެއް މަހުގެ މުސާރަ ހިފަހައްޓައިފަ އެވެ.