13 Jan 2014, 22:42
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އިލެކްޝަން ކޮމިޝަނުން އެދިއްޖެ ހާލަތެއްގައި އިންތިހާބާގުޅިގެން އެފަރާތަށް ފުލުހުންގެ ފަރާތުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނޭ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ސަން އަށް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން ވާންޖެހޭ ހުރިހައި ތައްޔާރީތަކެއް މިހާރުވެސް ފުލުހުން ކުރިއަށް އެބަ ގެންދާ ކަމަށާއި އަދި ސްޕްރީމް ކޯޓުގެ ގައިޑް ލައިނާ އެއްގޮތަށް އިންތިހާބު ކުރިއަށް ގެންދާނަމަ ފުލުހުންގެ ފަރާތުން ދޭންޖެހޭ ހުރިހައި އެއްބާރުލުމެއް ވެސް އިލެކްޝަންސް ކޮމިޝަނަށް ދެއްވާނޭ ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ މިދިޔަ ރިޔާސީ އިންތިހާބުގައި މިވަނީ މައްސަލަތަކެއް ދިމާވެ، ސްޕްރީމް ކޯޓުން އިންތިހާބުތަކާ ބެހޭ ގައިޑް ލައިނެއް ނެރުއްވާފައި. އަޅުގަނޑުމެން މިތިބީ މިހާރުވެސް ކޮމިޝަނުން އެދިއްޖެ ކޮންމެ ކަމަކަށް އެއްބާރުލުން ދޭން ތައްޔާރަށް. އެކަމަކު ސްޕްރީމް ކޯޓުގެ ގައިޑްލައިނެއް އޮތީމަ، އެއާ އެއްގޮތަށް އަމަލު ކުރުމަށް އަޅުގަނޑުމެން މިގެންދަނީ ގާނޫނީ ލަފާ ހޯދަމުން،" މީޑިޔާ އޮފިޝަލް ވިދާޅުވި އެވެ.
މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބުގައި މައްސަލަތަކެއް މެދުވެރިވެ އެ މައްސަލަތައް ސްޕްރީމް ކޯޓުން ހައްލުކުރާ ހިސާބަށް ދިއުމުން އެ ކޯޓުން ވަނީ، އިންތިހާބުތައް ބޭއްވުމާގުޅޭ ގޮތުން ގައިޑް ލައިނެއް ނެރުއްވައިފަ އެވެ. އަދި އެ ގައިޑް ލައިނާ އެއްގޮތަށް ކެންޑިޑޭޓުންގެ ފަރާތުން ލިސްޓުތަކުގައި ސޮއި ނުކުރުމުގެ ސަބަބުން ރިޔާސީ އިންތިހާބު ދެފަހަރެއްގެ މަތިން ފަސްކުރަން ވެސް ޖެހުނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސުޕްރީމް ކޯޓުން ނެރުއްވާފައިވާ ގައިޑްލައިންގައިވާ ގޮތުން ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް ވޯޓު ކަރުދާހާއި އަދިވެސް އިންތިހާބާ ގުޅޭ ސާމާނު އެއްތަނުން އަނެއްތަނަށް އުފުލުމުގަ އާއި ވޯޓުލާ މަރުކަޒުތަކުގެ ސަލާމަތީ ކަންތައްތައް ހަމަޖައްސައިދިނުގަ އާއި އަދި އެ ނޫން ވެސް އިންތިހާބާ ގުޅުންހުރި ކަންކަމުގައި އިލެކްޝަންސް ކޮމިޝަނުން އެދިއްޖެ ހާލަތެއްގައި ފުލުހުންގެ ފުރިހަމަ އެއްބާރުލުން ލިބޭނޭ ކަމުގަ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ބައެއް ކެންޑިޑޭޓުންގެ ފަރާތުން ލިސްޓުތަކުގައި ސޮއިކޮށްފައި ނުވާއިރު އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިރޭ ސަން އަށް ވިދާޅުވީ ޕީޕީއެމްގެ ފަރާތުން 16 ލިސްޓެއްގައި ސޮއިކޮށްފައި ނުވާކަމަށާއި އަދި އަމިއްލަގޮތުން ވާދަކުރެއްވި ބައެއް ކެންޑިޑޭޓުން ވެސް ބައެއް ލިސްޓުތަކުގައި ސޮއިކޮށްފައިނުވާ ކަމަށެވެ.
ޕީޕީއެމުން ބުނެފައި ވަނީ 16 ލިސްޓެއް ފިޔަވައި އެހެން ހުރިހާ ލިސްޓެއްގައި އެޕާޓީން ސޮއިކޮށްފައިވާނެ ކަމަށާއި ބައެއް ލިސްޓުތަކުގައި ސޮއިކޮށްފައިނުވަނީ އެ ލިސްޓުތައް ޗެކްކުރުމަށް އެކަށީގެންވާ ވަގުތު ދީފައިނުވާތީ ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ ސަލާމަތީކަންކަން ފުރިހަމަކޮށް އިންތިޚާބަށް ރައްކާތެރި މާހައުލެއް ގާއިމް ކުރުމަށް ޚާއްސަ އޮފަރޭޝަނެއް ފުލުހުން ވަނީ ފަށާފަ އެވެ.