13 Jan 2014, 22:03
ރާއްޖޭގެ ފިލްމީ ތަރިންތަކެއް ލަންކާގެ ނައިޓް ކްލަބެއްގެ ތެރޭ ރާބޮއިގެން އުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ދިވެހި ފިލްމް ސްޓާރުންތަކެއް އާ އަހަރާ ދިމާކޮށް ލަންކާގެ ނައިޓް ކްލަބެއްގެ ތެރޭގައި ރާ ބޮއިގެން އުޅުނު ކަމަށް ބުނާ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށާފައި މިވަނީ އެމްވީޔޫތު އޮންލައިންގެ ނޫސްވެރިންތަކެއް ފިލްމް ސްޓާރުންނަށް ފަރާލައިގެން ޖެއްސި އަންޑަކަވާ މިޝަނަށް ފަހު ލިޔުނު ރިޕޯޓަކާ ގުޅިގެންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ މައްސަލަ ރަސްމީކޮށް އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވިނަމަވެސް އެ މައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން އެކަން ބަލަމުން އަންނަ ކަމަށެވެ. އަދި އެކަމާ ގުޅޭ މައުލޫމާތުތައް މިހާރު އެއްކުރަމުން އަންނަ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
"އެކަށީގެންވާ ހެކި ލިބުމުން އެ މައްސަލަ ލޮގް ކުރާނީ. އަދި މައްސަލަ ލޮގެއް ނުކުރޭ،" ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާލުވި އެވެ.
ދިވެހި ފިލްމީ ތަރިންތަކެއް ލަންކާގެ ނައިޓް ކްލަބެއްގެ ތެރޭގައި ރާ ބޮއިގެން ޕާޓީ ކުރި ކަމަށް ބުނާ ރިޕޯޓުގައި ބުނެފައި ވަނީ އެކަމުގެ ހެކި އެމީހުންގެ އަތުގައި އެބަހުރި ކަމަށެވެ. އަދި ޕާޓީ ކުރި ކަމަށް ބުނާ ބައެއް ސްޓާރުންގެ ފޮޓޯތައް ވެސް ވަނީ އާންމުކޮށްފަ އެވެ.