އަންނަ ހޮނިހިރު ދުވަހު ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމާ މެދު އިލެކްޝަންސް ކޮމިޝަނުން ނިންމާ ނިންމުން މާދަމާ އިއުލާން ކުރައްވާނެ ކަމަށް އެ ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ވިދާޅުވެއްޖެ އެވެ.

ސަން އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ފުވާދު ވިދާޅުވީ ޕީޕީއެމްގެ ފަރާތުން 16 ލިސްޓެއްގައި ސޮއިކޮށްފައި ނުވާއިރު އަމިއްލަގޮތުން ވާދަކުރެއްވި ބައެއް ކެންޑިޑޭޓުން ވެސް ބައެއް ލިސްޓުތަކުގައި ސޮއިކޮށްފައިނުވާ ކަމަށެވެ.

ފުވާދު ވިދާޅުވީ މާދަމާ ބާއްވާ ކޮމިޝަންގެ ރަސްމީ ބައްދަލުވުމުގައި އެކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ފަހު ގޮތެއް ނިންމުން އޮންނާނެ ކަމަށެވެ.

"މާދަމާ ބާއްވާ ކޮމިޝަންގެ ރަސްމީ ބައްދަލުވުމުގައި އެކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމާނީ،" ފުވާދު ވިދާޅުވި އެވެ.

ޕީޕީއެމުން ބުނެފައި ވަނީ 16 ލިސްޓެއް ފިޔަވައި އެހެން ހުރިހާ ލިސްޓެއްގައި އެޕާޓީން ސޮއިކޮށްފައިވާނެ ކަމަށާއި ބައެއް ލިސްޓުތަކުގައި ސޮއިކޮށްފައިނުވަނީ އެ ލިސްޓުތައް ޗެކްކުރުމަށް އެކަށީގެންވާ ވަގުތު ދީފައިނުވާތީ ކަމަށެވެ.

އެ ޕާޓީން ބުނެފައި ވަނީ ޗެކްކުރުމަށް އެކަށީގެންވާ ވަގުތު ނުދެނީސް އެ ލިސްޓުތަކުގައި ޕީޕީއެމްގެ ފަރާތުން ސޮއިނުކުރާނެ ކަމަށެވެ.

ސޮއިކުރި ދާއިރާތަކުގެ އިންތިޚާބު ހޮނިހިރު ދުވަހު ބާއްވަން ކޮމިޝަނުން ނިންމާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ފަތުރާފައިވާ ޚަބަރުތައް ފުވާދު ވަނީ ދޮގުކުރައްވާފަ އެވެ.

އޭނާ ވިދާޅުވީ މިހާތަނަށް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ ހޮނިހިރު ދުވަހު އިންތިޚާބު ބާއްވާގޮތަށް ކަމަށާއި އެ ނިންމުމުގެ އިތުރަށް "ސޮއިކުރި ދާއިރާތަކުގެ އިންތިޚާބު ބާއްވަން" ވަކި ނިންމުމެއް ނިންމާފައި ނުވާނެ ކަމަށެވެ.