މަހަށް ނުކުމެ އުޅުނު ގއ. ކަނޑުހުޅުދޫ މަސްދޯންޏަކުން ހަ ކިލޯ 30 ގްރާމްގެ ބަރުދަންހުރި މާވަހަރެއް މިއަދު ހޮވައިފި އެވެ.

ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް ރިފާއު ރަޝީދު މިއަދު "ސަން"އަށް ވިދާޅުވީ، މާވަހަރު ހޮވާފައިވަނީ އެރަށު ދުނބުރިމާގޭ އަފީފު މުހައްމަދުގެ "ރަންދުވެލި 105" ދޯނީގެ ފަޅުވެރިން ކަމަށެވެ.

"މާވަހަރު މިހާރު އޮތީ އޮޑިވެރިޔާގެ ބެލުމުގެ ދަށުގައި. ދެން އެފަރާތުން ވަނީ، މާވަހަރު ދެކެފައި ތިބި މީހުންނާއި އެކަން ދަންނަ އެތައް ބަޔަކަށް އޭތި ދައްކައިގެން އެއީ އަސްލު މާވަހަރެއްކަން މިހާރު ޔަގީންވެސް ކޮށްފައި،" ރިފާއު ވިދާޅުވި އެވެ.

މާވަހަރު ހޮވި އޮޑީގެ އޮޑިވެރިޔާ މިރޭ ބުނީ އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށް އެ މާވަހަރު ވިއްކައިލުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މިހާރުވެސް ފްރާންސްގެ ހަތަރު ކުންފުންޏަކާ ވާހަކަ ދައްކަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިގެންދަނީ މިހާރުވެސް ފްރާންސްގެ ހަތަރު ކުންފުންޏަކާ ވާހަކަ ދައްކަމުން. އޭގެތެރެއިން އެއް ކުންފުންޏަކުން ހުށަހަޅާފައި ވަނީ ގްރާމަކަށް 26 ޑޮލަރު. ނަމަވެސް އަދި ވިއްކައިލާނޭ އަގު ފައިނަލެއް ނުވޭ،" އަފީފު މުހައްމަދު ބުންޏެވެ.

އޭނާ ބުނީ މާވަހަރު ވިއްކައިލުމަށްފަހު ލިބޭ ފައިސާއާމެދު އަމަލު ކުރާނޭ ގޮތެއް އަދި ނިންމާފައި ނުވާ ކަމަށާއި ނަމަވެސް މާވަހަރު ވިއްކައިލުމަށް ހުރިހާ ފަޅުވެރީން އެއްބަސްވެފައިވާ ކަމަށެވެ.

މާވަހަރު ފެނުނުގޮތް ކިޔައިދެމުން ރަންދުވެލި އޮޑިން މިއަދު މަހައްދިޔަ ކަނޑުހުޅުދޫ ހެޕީހާޓް މުހައްމަދު ހަސަން ބުނީ، މާވަހަރު ފެނިފައިވަނީ އެއަތޮޅު ގެމަނަފުށީ ކައިރީގައި އޮންނަ މާރެހާ ކިޔާ ފަޅުރަށާއި ދިމާލުން 25 މޭލު ބޭރުން "އަސްދަނޑި"އެއް ކައިރިން ކަމަށެވެ.

"ގާތްގަނޑަކަށް މިއަދު 11:30 ކަންހާއިރު އޭތި ފެނުނީ. ފުރަތަމަ ފެނިފައި ގެއްލުނީ. ދެން އަޅުގަނޑުމެން އެހިސާބުން މަސްބާނައިގެން އޭތި [މާވަހަރު] ހޯދަމުން ދަނިކޮށް މެންދުރު 12 ޖަހާ ކަންހާއިރު ދެވަނަ ފަހަރަށް ފެނުނީ. އެއީ ގާތްގަނޑަކަށް 6 ކިލޯ ހުންނަވަރުގެ ކަޅު މާވަހަރެއް،" މާވަހަރު ފެނުނުގޮތް "ސަން" އަށް ކިޔައިދެމުން މުހައްމަދު ބުންޏެވެ.

މާވަހަރު ހޮވި ރަންދުވެލި އޮޑީގެ އޮޑިވެރިޔާ ބުނެފައިވާއަގު ކަމަށްވާ، ގްރާމަކަށް 26 ޑޮލަރުގެ ރޭޓުން އެ މާވަހަރު ވިއްކައިލެވުނަސް އޭގެ ޖުމުލަ އަގު ގާތްގަނޑަކަށް 2،417،547.6ރ. އަށް އަރާނެ އެވެ.