މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އަލިފާނުގެ ހާދިސާއެއްގައި އަނދައި ހުލިވި ކ. ދިއްފުށީ ސްކޫލުގެ އޮފީސްބައި ހިމެނޭ އިމާރާތް އަލުން މަރާމާތުކޮށް، ކުރިއަށް އޮތް ދެ ހަފްތާއެއްހައި ދުވަހުގެ ތެރޭގައި އެ އިމާރާތް ބޭނުންކުރެވޭވަރު ވާނޭ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

ދިއްފުށީ ސްކޫލް ބައްލަވައިލެއްވުމަށް މިއަދު އެރަށަށް ކުރެއްވި ދަތުރުފުޅުގައި ދިއްފުށީ ސްކޫލުގެ އިސް ވެރިންނާއި ޕީޓީއޭ މެންބަރުންނާއި އަދި ދިއްފުށީ ކައުންސިލް މެންބަރުންނާ ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި އެކަމަނާ ވިދާޅުވީ، ދިއްފުށިން މިއަދު ފެނިގެން ދިޔައީ ވަރަށް އުފާވެރި މަންޒަރެއް ކަމަށެވެ. އަދި މިއީ އެންމެން އެކީ ގުޅިގެން މަސައްކަތްކުރުމުގެ ފުރިހަމަ ނަތީޖާ ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.

"މާދަމާ ސްކޫލްތަކުގެ ކިޔެވުން ފެށޭއިރު، ދިއްފުށީ ސްކޫލް ކުދިންނަށް ވެސް ހުރިހާ 'ފެސިލިޓީސް' ހަމަޔަށް ލިބިގެން ކިޔެވުން ފެށިގެންދާނެ،" އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ފުރަތަމަ ދުވަސްކޮޅު މިހާރު ހުރި އިމާރާތުގެ ތެރޭގައި ކިޔެވުން ހަމަޖެހިގެން ދިޔަކަމުގައި ވީނަމަވެސް ކުރިޔަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މިހާރު މަރާމާތުކުރަމުން ގެންދާ އިމާރާތުގައި ކިޔެވުން ކުރިޔަށް ގެންދެވޭވަރު ވާނެ ކަމަށެވެ.

ދިއްފުށީ ސްކޫލުގައި މިދިޔަ އަހަރު ހިނގި އަލިފާނުގެ ހާދިސާގައި އެ ސްކޫލުގެ ލައިބްރަރީ އާއި ކޮމްޕިއުޓާލެބުގެ އިތުރުން ޕްރިންޓިން ރޫމާއި ދެ ގުދަން ހިމެނޭ އޮފީސް އިމާރާތް ވަނީ ބޭނުން ނުކުރެވޭވަރަށް އަނދައިގެން ގޮސްފަ އެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިއަހަރުގެ ކިޔެވުން ފެށެންވާއިރަށް އެ ސްކޫލްގައި ވެސް ކިޔަވައިދެވޭވަރު ކޮއްދެއްވާނެކަމަށް ބުނެފައެވެ.

އެޑިޔުކޭޝަން މިނިސްޓަރު އިތުރަށް ވިދާޅުވީ، ދިއްފުށީ ސްކޫލް މަރާމާތުކުމުގެ ހުރިހާ ކަމެއް ނިމުމުން، އަންނަ އަހަރު އެ ސްކޫލް އެއްދަންފަޅިޔަށް ކިޔަވައިދޭ ސްކޫލަކަށް ބަދަލުކުރަން ވެސް ނިންމާފައިވާ ކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓަރު މިއަދު ދިއްފުށީ ސްކޫލް ބައްލަވައިލެއްވުމަށް އެރަށަށް ކުރެއްވި ދަތުރުފުޅުގައި މިނިސްޓަރުގެ އިތުރުން އެ މިނިސްޓްރީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.