13 Jan 2014, 17:25
މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ގެންނަން ހަމަޖެހިފައިވާ ބްރެޒިލް ފޯވާޑް ފޯވާޑް ޖޯލްޓަން ޖޮނަތަން ސަމްޕާއިއޯ (ޖޯ) އަށް ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ލިބުނު ސީރިއަސް އަނިޔާތަކަކާ ގުޅިގެން ކުޅުމާ ދުރަށް ދާންޖެހިފައިވާތީ އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް ގެންނަން ނިއުގެ ބޯޑުން ނިންމައިފި އެވެ.
ނިއުގެ ބޯޑު މެންބަރު އަހްމަދު ޒަރީރު މިއަދު "ސަން" އަށް ވިދާޅުވީ، ސީޒަން ފެށުމުގެ ކުރިން އެ ކްލަބުގެ ބްރެޒިލް ފޯވާޑް ޖޯ އަށް ކުރިމަތިވި ނުރައްކާތެރި އެކްސިޑެންޓްގެ ސަބަބުން އޭނާ އަށް އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނޭ ދުވަހެއް އަދި ނޭނގޭތީ، ކުޅުންތެރިޔާގެ އޭޖެންޓާއި ކްލަބާ ދެމެދު މަޝްވަރާ ކުރުމަށް ފަހު އެއްބަސްވުން ނިމުމަކަށް ގެންނަށް ނިންމާފައިވާ ކަމަށެވެ.
"ޖޯއަށް ކުރިމަތިވި ފުރާނައަށް ނުރައްކާވާ ވަރުގެ ކާރު އެކްސިޑެންޓެއްގެ ސަބަބުން އޭނާއަށް ކުޅެވޭނޭ ދުވަހެއް އަދި ބުނަން ވެސް ނޭނގެ. އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވާގޮތުގައި އޭނާގެ އެ އެކްސިޑެންޓާ ގުޅިގެން ގިނަ އޮޕަރޭޝަންތެކެއް ކުރަންޖެހޭ،" ސައޮޕޯލޯގައި އިއްޔެ ހަވީރު ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ކުޅުންތެރިޔާއާއި ބޭހޭގޮތުން ޒަރީރު ވިދާޅުވި އެވެ. "އޭނާގެ އޭޖެންޓާއި ކްލަބާ ދެމެދު މަޝްވަރާ ކުރުމަށް ފަހު މިހާރު ނިމިފައިވަނީ އެއްބަސްވުން ނިމުމަކަށް ގެންނަން،"
ނިކަރާގުއާ ޕްރިމިއާ ލީގު 13 ފަހަރު ކާމިޔާބުކޮށްފައިވާ އަދި 2011 ވަނަ އަހަރުން ފެށިގެން ލީގު ޗެމްޕިއަންކަން ހޯދަމުން އަންނަ ރެއަލް އެސްޓެލީ އާއަށް ކުޅެމުން އަންނަ އުމުރުން 25 އަހަރުގެ ފޯވާޑް ރާއްޖޭގެ ޗެމްޕިއަން ޓީމާ ގުޅުނީ، މިހިނގާ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު އެވެ.
ޒަރީރު ވިދާޅުވީ ސީޒަން ފެށެންވާއިރަށް ކްލަބަށް އެހެން ފޯވާޑަކު ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އެބަ ގެންދާ ކަމަށާއި ވަރަށް އަވަހަށް އެ މައުލޫމާތު ހިއްސާ ކުރައްވާނޭ ކަމަށެވެ.
ގައުމީ ޓީމުގެ ކެޕްޓަން އަދި ނިއުގެ ކުރީގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) ނެތްތަން ފޫބެއްދުމަށް އެ ކްލަބުން ބްރެޒިލް ފޯވާޑަކާ އެކު ސޮއިކުރިއިރު ނިއުއިން ވަނީ، މިދިޔަ ސީޒަނުގައި އެކުލަބަށް ކުޅުނު ގާނާގެ ގައުމީ ޓީމް މިޑްފީލްޑަރު ޔޫސުފް ނޫރިއްދީން އާއި ނައިޖީރިއާގެ ޑިފެންޑަރު ކިންގްސްލީ ޗުކްވުޑީ އަދި ގީނީ ޑިފެންޑަރު ސީލާ މަންސާ ދޫކޮށްލައިފަ އެވެ.
ދިވެހި ލީގާއި، ޕްރެޒިޑެންޓް ކަޕް މިލްކުކުރާށާއި އަދި އޭއެފްސީ ކަޕްގައި ރަނގަޅު ނަތީޖާއެއް ނެރުމުގެ އަޒުމުގައި ނިއު އިން މި ފެށޭ ސީޒަނާ ކުރިމަތިލާއިރު އެ ކްލަބުން ވަނީ، ނިމިދިޔަ ސީޒަނުގައި ބީޖީއަށް ކުޅުނު ތަޖްރިބާކާރު ފޯވާޑް އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި މުހުތާރު ނަސީރު (ޓޫކިލޯ) އަދި މާޒިޔާއަށް ކުޅުނު ގައުމީ ޓީމުގެ ޑިފެންޑަރު ޝާފިއު އަހުމަދު (ޝާފީ) ކްލަބަށް ގެނެސްފަ އެވެ.