އެމްވީކޭ އަށް ބޭންކް އޮފް ސިލޯން އިން ނެގި ލޯނަކަށް "ދައުލަތުގެ ބިމެއް" ރަހުނު ކުރި ކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވީ ތަހުގީގު ކުރިއަށްދާތީ އެ މައްސަލައިގެ މައުލޫމާތު ހިއްސާކުރެވެން ނެތް ކަމަށެވެ. ނަމަވެސް އެ މައްސަލަ ތަހުގީގުކޮށް ނިމުމުން މީޑިއާ އަށް މައުލޫމާތު ހިއްސާކުރައްވާނެ ކަމަށް ވެސް ލުތުފީ ވިދާޅުވި އެވެ.

"ތަހުގީގު ކުރިއަށްދާތީ އެ މައްސަލައިގެ ތަފްސީލު ހާމަކުރެވޭކަށް ނެތް. އޭސީސީން މައްސަލަ ބަލައި ނިމުމުން މީޑިއާ އަށް މައުލޫމާތު ހިއްސާކުރާނަން،" ލުތުފީ ވިދާޅުވި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ސިލޯނު ބޭންކުން އެމްވީކޭ އަށް ނެގި ލޯނަކަށް މ. މާފަންނުއާގެ ރަހުނު ކޮށްފައި ވަނީ ދައުލަތުގެ 12،000 އަކަފޫޓުގެ ބިމެއް ހިމެނޭ ގޮތަށެވެ.

މ. މާފަންނުއާގޭ ގޯތީގެ ދެބައި ކުޅަ އެއް ބަޔަށް ވުރެ ބޮޑު ސަރަހައްދެއް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ސަރުކާރުން ވަނީ ނާގާފަ އެވެ. އެގޯތީގެ އެއްބައި ސަރުކާރަށް ނާގާފައި ވާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު އެމްވީކޭގެ ޗެއާމަން އިބްރާހިމް ޝަފީގް (އެމްވީކޭ ޝަފީގް)ގެ އަނބިކަބަލުން ފާތިމަތު ފަރީދު ވަނީ ސވިލް ކޯޓަށް ހުށަހަޅާފަ އެވެ.

ފާތިމަތު ކޯޓަށް މައްސަލަ ހުށަހެޅީ އޭނާގެ ނަން މަތީގައިވާ އެ ގޯތިން ސަރުކާރަށް ނެގި ބައި އަނބުރާ އޭނާ އަށް ދިނުމަށް ދައުލަތުގެ މައްޗަށް އަމުރެއް ނެރެ ދިނުމަށް އެދި އެވެ. ނަމަވެސް ސިވިލް ކޯޓުން ވަނީ އޭނާ އެދުނު ފަދަ އަމުރެއް ނެރޭނެތަނެއް ނެތް ކަމަށް ކަނޑައަޅައި ހުކުމް ކޮށްފަ އެވެ.