އަންނަ މޭ މަހުގެ 19 އިން 30 އަށް ރާއްޖޭގައި ބާއްވަން ނިންމާފައިވާ އޭއެފްސީ ޗެލެންޖު ކަޕް ފުޓްބޯޅަ މުބާރާތުގެ މެޗްތައް ކުޅޭ ދެ ދަނޑުގެ ތެރެއިން ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މެޗުތައް ކުޅޭ ގަލޮޅު ރަސްމީ ބޯޅަދަނޑާއި އައްޑޫ ޒޯން ސްޓޭޑިއަމް ތަރައްގީ ކުރުމުގެ މަސައްކަތް ކުރުމަށް ޔޫތު މިންސްޓުރީން އިއްޔެ ވަނީ 71.5 މިލިއަން ރުފިޔާއަށް އަމިން ކޮންސްޓްރަކްޝަނާ ހަވާލުކޮށް އެބަސްވުމުގައި ސޮއިކޮށްފަ އެވެ.

ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވީ، ގަލޮޅު ދަނޑުގެ މަސައްކަތް މިހާރު ފަށާފައި ވާއިރު، އައްޑޫ ޒޮން ސްޓޭޑިއަމްގެ މަސައްކަތް ފެށުމަށްޓަކައި މިއަދު އެ ރަށަށް އަމިން ކޮންސްޓްރަކްޝަންގެ ޓީމް ފުރާފައިވާ ކަމަށެވެ.

ރާއްޖޭގައި ޗެލެންޖް ކަޕް ބޭއްވުމަށްޓަކައި މުބާރާތުގެ ގުރުލުން ކުރިއަށް އޮތް ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ޕެރެޑައިސް އައިލެންޑް ރިސޯޓްގައެވެ.

އެފްއޭއެމުން ރާވާފައި ވަނީ ރާއްޖެ ހިމެނޭ ގްރޫޕުގެ މެޗުތައް ގަލޮޅު ދަނޑުގައި ކުޅޭށެވެ. އަދި އަނެއް ގްރޫޕުގެ މެޗުތައް އައްޑޫ ސިޓީގެ ހިތަދޫ ޒޯން ސްޓޭޑިއަމުގައި ބޭއްވުމަށް ވެސް ވަނީ ޕްލޭންކޮށްފަ އެވެ.

މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން ރާއްޖެއާ އެކު ދެން މުބާރާތުގައި ވާދަކުރާ އަނެއް ގައުމުތަކަކީ މުބާރަތުގެ ކޮލިފައިން ބުރުގައި ގްރޫޕް އޭ ފަޅިން ހަތް ޕޮއިންޓާ އެކު އެއްވަނަ މަގާމް ހޯދި މިޔަންމާ އާއި ގްރޫޕް ބީ ފަޅިން ނުވަ ޕޮއިންޓާ އެކު އެއް ވަނަ މަގާމް ހޯދި ކިރްގިސްތާނާއި ގްރޫޕް ސީ ފަޅިން ހަތް ޕޮއިންޓާ އެކު އެއް ވަނަ މަގާމް ހޯދި އަފްގާނިސްތާނާއި ގްރޫޕް ޑީ ފަޅިން ހަތް ޕޮއިންޓާ އެކު އެއް ވަނަ މަގާމް ހޯދި ޕަލަސްތީނާއި ގްރޫޕް އީ ފަޅިން ނުވަ ޕޮއިންޓާ އެކު އެއްވަނަ ހޯދި ޕިލިޕީންސެވެ. ދެން ކޮލިފައި ވެފައި ވަނީ ކޮލިފައިންގައި ވާދަކުރި ފަސް ގްރޫޕުން ދެ ވަނައަށް އެންމެ ރަނގަޅު ނަތީޖާ ހޯދި ދެ ގައުމުގެ ގޮތުގައި ހަ ޕޮއިންޓާ އެކު ގްރޫޕް އީގަ ވާދަކުރި ތުރްކުމަނިސްތާނާއި ހަ ޕޮއިންޓާ އެކު ގްރޫޕް ޑީ ފަޅިން ވާދަކުރި ބަގްލްދޭޝް އެވެ.

ކުރިއަރަމުން އަންނަ ގައުމުތަކަށް އިސްކަން ދީގެން އޭއެފްސީ އިން ބާއްވާ މުބާރާތް އެންމެ ފުރަތަމަ 2006ގައި ބޭއްވީ ބަންގްލަދޭޝްގަ އެވެ. އޭގެ ފަހުން 2008ގައި އިންޑިއާގައި 2010 ވަނަ އަހަރު ސްރީލަންކާގައި ބޭއްވި އިރު 2012 ވަނަ އަހަރު ބޭއްވީ ނޭޕާލުގަ އެވެ.