13 Jan 2014, 14:09
ރާއްޖޭގެ އެންމެ ފުރަތަމަ އަމިއްލަ ޓީވީ ސްޓޭޝަން "ދިޓީވީ"ގެ ސީއީއޯގެ މަގާމުން ޔޫސުފް ނަވާލް އިސްތިއުފާ ދެއްވުމުން، އެ ސްޓޭޝަން ހިންގުން މިދުހަތު އާދަމާ ހަވާލުކޮށްފި އެވެ.
ދިޓީވީ ހިންގާ ބްރޯޑްކާސްޓިން މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓުގެ ބޯޑުގެ މެމްބަރުކަން ވެސް ކުރައްވާ ނަވާލް ދިޓީވީގެ ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވީ އިއްޔެ އެވެ. އޭނާ މަގާމުން ދުރަށް ވަޑައިގަތުމާއެކު ދިޓީވީގެ އެކްޓިން ސީއީއޯގެ މަގާމަށް ވަނީ އެ ސްޓޭޝަންގެ ނިއުސްރޫމް ހެޑް މިދުހަތު އައްޔަންކޮށް އެވެ.
މިއަދު ނޫހުގެ އެޑިޓަރުކަން ވެސް ކުރެއްވި މިދުހަތު ދިޓީވީ ހިންގުމާ ހަވާލުވުމަށްފަހު "ސަން"އަށް ވިދާޅުވީ އަންނަ މަހުގެ އެކަކުން ފެށިގެން އެ ސްޓޭޝަންގެ ސީއީއޯގެ މަގާމު އޭނާއަށް ދާއިމީ ކުރާނެ ކަމަށް އަންގާފައިވާ ކަމަށެވެ.
ހަ އަހަރު ދުވަހަށްފަހު ދިޓީވީގެ ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވި ނަވާލު ސަންއަށް މިއަދު ވިދާޅުވީ އޭނާ މަގާމުން އިސްތިއުފާ ދެއްވީ "ދިޓީވީ އަމިއްލަ ފައިމައްޗަށް ތެދުވެ ހިނގައި ގަނެވޭނެ" ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ. މަގާމުން ދުރަށް ވަޑައިގެންނެވިޔަސް ސްޓޭޝަން ހިނގަމުންދާ ގޮތް މޮނީޓާ ކުރަމުންދާނެ ކަމަށާއި މުވައްޒަފުންނަށް ގައިޑްކުރުމުގައި ދެމިހުންނާނެ ކަމަށެވެ.
"ދިޓީވީގެ ޑެއިލީ އޮޕަރޭޝަންތަކުގައި އަޅުގަނޑު ނޫޅޭތާ ވެސް ދުވަސްތަކެއް ވެއްޖެ. މިއީ ރައިޓް ޓައިމް ކަމަށް ފީލްވާތީ މިކަހަލަ ޑެސިޝަނެއް މި ނިންމީ. ދިޓީވީ މިހާރު އޮތީ ސްޓޭބުލްކޮށްތާދޯ،" ދިޓީވީ އުފެއްދުމުގެ އެއް ހިއްސާދާރު ނަވާލް ވިދާޅުވި އެވެ. "މުވައްޒަފުންނަށް ވެސް އެބަޖެހޭ ކުރިއެރުންދޭން. ދެން ތިބި އިސް މުވައްޒަފުންނަށް ވެސް ޕްރޮމޯޝަނަކަށްވާންވީ އިސް މަގާމުތަކަށް އައުން. އެފުރުސަދު ދޭންވެގެން އިސްތިއުފާދިނީ،"
ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު އަމިއްލަ ޓީވީ ސްޓޭޝަން ދިޓީވީގެ ހިދުމަތް ރާއްޖެއަށް ދޭން ފެށީ ޖުލައި 1، 2008 ވަނަ އަހަރު އެވެ. އެ ސްޓޭޝަންގެ ހިންގާ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި އިސްކޮށް އުޅުއްވަނީ ދިރާގުގެ މެނޭޖާ ކަސްޓަމް ސާވިސް މުސްއޫދު އަލީ އާއި ނަވާލެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރު ނުހިމެނެ އެވެ.