މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް ހުޅުވުނު ދޮރެއް ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފި އެވެ.

އެ ޖަމިއްޔާއިން މިހެން ބުނީ އެ ގާނޫނު އިއްޔެ ތަސްދީގު ކުރެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީނަށް ޝުކުރު ދެންނެވުމަށް މިއަދު ނެރުނު ބަޔާނެއްގައެވެ.

"މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަކީ ގާނޫނު އަސާސީގެ 29 ވަނަ މާއްދާއިން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެކެވެ. އެ ހައްގު ފުރިހަމަ ގޮތުގައި ބޭނުންކުރުމާއި އަދި އެ ހައްގު ހޯދުމުގައި އަމަލުކުރާ އުސޫލެއް ގާއިމްކުރާ އުސޫލެއް ގާއިމްކުރެވިގެން ދިއުމަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް ހުޅުވިގެން ދިޔަ ދޮރެއް ކަމުގައި ވެސް މި ޖަމިއްޔާއިން ދެކެމެވެ،" އެމްޖޭއޭގެ ބަޔާނުގައިވެ އެވެ.

ގާނޫނު ފަރުމާކޮށްފައި ވަނީ ސަރުކާރާއި ދައުލަތުގެ މުއައްސަސާތައް ވަރަށް ރަނގަޅަށް ޖަވާބުދާރީ ކުރެވޭނެ ގޮތަކަށް ކަމަށް ގަބޫލުކުރާ ކަމަށް ވެސް އެމްޖޭއޭއިން ބުނެފައިވެ އެވެ.

"މިޖައްމިޔާއިން ގަބޫލުކުރާ ގޮތުގައި އެ ގާނޫނު ފަރުމާކޮށްފައި ވަނީ ފަރުދީ ހައްގުތައް ރައްކާތެރިކުރުމާ އެކު، ސަރުކާރާއި ދައުލަތުގެ މުއައްސަސާތައް ވަރަށް ރަނގަޅަށް ޖަވާބުދާރީ ކުރެވޭ ގޮތަށެވެ،" ބަޔާނުގައިވެ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ބިލު ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު ތަސްދީގު ކުރެއްވީ އިއްޔެ އެވެ. އެ ގާނޫނަށް އަމަލު ކުރަން ފަށާނީ ހަ މަސް ދުވަސް ފަހުންނެވެ.