ރީތިރަށް ރިސޯޓްގެ މުވައްޒަފުންނާ ދޭތެރޭ ތަފާތުކުރުންތައް ގެންގުޅޭ ކަމަށް ބުނެ އެ ރިސޯޓުގެ މުވައްޒަފަން މުޒާހަރާކޮށްފި އެވެ.

ރީތިރަށް ރިސޯޓުން ވާހަކަ ދެއްކި އެ ރަށު މުވައްޒަފަކު މިއަދު ބުނީ މެނޭޖްމަންޓްގައި ތިއްބަވާ ބޭފުޅުން އެކިއެކި މަގާމްތަކުގައި ތިބި އެ ރިސޯޓްގެ ސްޓާފުންގެ މެދުގައި ތަފާތުކުރުންތަށް ގެންގުޅޭ ކަމަށެވެ. އެއޭގެ ތެރޭގައި ސްޓާފުންނަށް ދޭ ބޯނަސް ތަފާތުވުމާއި އެ ނޫން ކަންކަން ވެސް ތަފާތުކުރާ ކަމަށް އޭނާ ބުންޏެވެ.

"މިތާ މަސައްކަތް ކުރާ ސްޓާފުންނަށްދޭ ބޯނަސް ދިނުމުގައި މެނޭޖްމަންޓް ވަރަށް ބޮޑަތި ތަފާތުކުރުންތައް ގެންގުޅޭ. އަދި މި ރިސޯޓްގައި އުޅޭ ސްޓާފުން ބޭރަށް ފެންނަ ގޮތަށް ގައިގައި ޓެޓޫ ޖެހުމަކީ ވެސް މަނާކަމެއް ގަވާއިދުގައި، އެކަމަކު ބޭރުގެ ސްޓާފުން ޓެޓޫ ޖެހިއަސް އެއީ މައްސަލައަކަށް ނުވޭ. އެކަމަކު އަޅުގަނޑުމެންގެ ބޮލުގެ އިސްތަށިގަނޑު ދިގުވިޔަސް އެއީ ވަރަށް ބޮޑު މައްސަލައެއް. ރިސޯޓުގެ ގަވާއިދަށް ބަލާ އިރު އެންމެނަށް ހަމަހަމަވާން ޖެހޭނެ ނޫންތޯ؟ އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ އެފަދަ މައްސަލަތަކެއް ހުރުމުން ސްޓާފުން މެނޭޖްމަންޓާ ބައްދަލުކުރަން ބޭނުންވެ އެކަން ހުށަހެޅުމުން މެނޭގްމަންޓްގެ އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅުންނަށް ބައްދަލުވެވޭ ގޮތް ވެފައި ނުވާ ކަމަށެވެ.

"އެހެންވެ އަޅުގަނޑުމެން މެނޭޖްމަންޓާ ބައްދަލުކުރަން ބޭނުން ވެގެން ހުށަހެޅުމުން އަޅުގަނޑުމެންނަށް އެކަން ނުވުން އެއީ މުޒާހަރާ ކުރަންޖެހުނު ސަބަބު،" އޭނާ ބުންޏެވެ.

އެހެންނަމަވެސް މިއީ ސުލްހަވެރި ގޮތުގައި ކުރަމުންގެންދާ މުޒާހަރާއެއް ކަމަށް އެ ރިސޯޓުން ވާހަކަ ދެއްކި ސްޓާފެއް "ސަން" އަށް މައުލޫމާތު ދިނެވެ. މުޒާހަރާ ކުރަންފެށުމުން އެސްއޯ ފުލުހުންގެ ޓީމެއް ވެސް ވަނީ ފުލް ކިޓްގައި އެރަށަށް ގޮސްފަ އެވެ. ނަމަވެސް ސުލްހަވެރިކަމާ އެކު ސްޓާފުން މުޒާހަރާ ކުރަމުން ގެންދާތީ ފުލުހުން އަދި އެރަށަށް ނުފައިބާ ކަމަށް އޭނާ ބުންޏެވެ.

އެހެންނަމަވެސް މިހާރު ރިސޯޓުގެ އިސްފަރާތްތަކާ ބައްދަލުވެފައިވާ ކަމަށާއި ސްޓާފުން އެދެނީ މެނޭޖްމަންޓްގައި މަސައްކަތް ކުރައްވާ ދެބޭފުޅެއް ވަޒީފާ އިން ވަކިކުރުން ކަމުގައި އޭނާ ބުންޏެވެ. އަދި މެނޭޖްމަންޓުން ވާހަކަ ދެއްކުމަށް ފަހު އެއަށް ވަކި ޖަވާބެއް ދޭނެކަމުގައި އޭނާ ބުންޏެވެ.

އެކަމާ ބެހޭ ގޮތުން ރިސޯޓްގެ މެނޭޖްމަންޓްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.