13 Jan 2014, 11:29
އިންޑިއާގެ ޖީއެމްއާރް ކުންފުންޏަށް ދިވެހި ސަރުކާރުން ނޫނެކޭ ނުބުނާކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ދަ ހިންދޫ ނޫހުން ބުނީ ރާއްޖޭގައި ހިންގާ އެހެން މަޝްރޫއުތަކުގައި ޖީއެމްއާރަށް ބައިވެރިވެވިދާނެ ކަމަށް ރައީސް ޔާމީނު ވިދާޅުވި ކަމަށެވެ.
" އަޅުގަނޑު ނުބުނަން، އަޅުގަނޑުމެން ޖީއެމްއާރަށް ނޫނެކޭ ބުނަނީ އެކޭ. އަޅުގަނޑު މިބުނާ ވާހަކައަކީ މުޅި އެއާޕޯޓް ހިންގުމަކީ ބަޔަކާ ހަވާލުކުރެވޭ ވަރަށް ވުރެ ދިވެހި ސަރުކާރަށްމާ މުހިއްމު ކަމެކޭ. ޖީއެމްއާރަކާ ވެސް، އަދި އިންޑިއާގެ އެހެން ކުންފުންޏަކާ ވެސް އަޅުގަނޑުމެން ދެކޮޅެއް ނޫން. ވެގެން އުޅޭ ގޮތަކީ އިގުތިސާދީ ގޮތުން ވެސް އަދި ސަލާމަތީ ނަޒަރުން ބެލިޔަސް އިންޓަނޭޝަނަލް އެއާޕޯޓް އަޅުގަނޑުމެންނަށް މާމުހިއްމީ،" ރައީސް ޔާމީނު ވިދާޅުވި ކަމަށް ދަ ހިންދޫގައިވެ އެވެ.
އެމަނިކުފާނު އަދި ވިދާޅުވެފައި ވަނީ އެއާޕޯޓް ހިންގުމުގެ ހުރިހާ ކަމެއް ބޭރުގެ އެއްވެސް ބަޔަކަށް ހަވާލުނުކުރައްވާނެ ކަމަށެވެ. އަދި ރާއްޖޭގެ އަމިއްލަ ކުންފުންޏަކާ ވެސް އެގޮތަށް ހަވާލު ނުކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ އެއާޕޯޓް ހިންގާނީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ އެއާޕޯޓްސް ކޮމްޕެނީ އިން ކަމަށެވެ.
ކުރީގެ ސަރުކާރުން ޖީއެމްއާރާ އެކުވީ އެއްބަސްވުން އުވާލި މައްސަލަ ކޯޓުން ބޭރުން ހައްލު ކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށް ރައީސް ޔާމީނު ވިދާޅުވި ކަމަށް ވެސް ދަ ހިންދޫގައިވެ އެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން 2010 ވަނަ އަހަރުވީ އެއްބަސްވުން 2012 ވަނަ އަހަރު އުވާލީ އޭރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުންނެވެ. އެ މައްސަލަ ޖީއެމްއާރުން ވަނީ ސިންގަޕޫރުގެ ކޯޓަކަށް ވައްދާފަ އެވެ.