ހުޅުމާލެ ސާފުކޮށް ބެލެހެއްޓުމުގެ ގޮތުން ހުޅުމާލޭގައި ޑަސްބިން ބެހެއްޓުމުގެ މަސައްކަތް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ) ފަށައިފި އެވެ.


އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު މިއަދު ވިދާޅުވީ އެޗްޑީސީގެ ތައިލެންޑް ޕާޓްނަރު، ޕްރުކްސާ އެޗްޑީސީން ވަނީ މިދިޔަ ހޮނިހިރު ދުވަހު ހުޅުމާލޭ ސާފުކުރުމުގެ ގޮތުން "އައި ލަވް ހުޅުމާލެ" ކިޔާ ޕްރޮގުރާމެއް ކުރިއަށް ގެންގެސްފައި ކަމަށެވެ.


 އަދި އެ ކުންފުނިން ވަނީ ހުޅުމާލޭގައި ބެހެއްޓުމަށް 36 ޑަސްބިން ހަދިޔާކޮށްފައިކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެޗްޑީސީން މިހާރު އެ ޑަސްބިންތައް ބެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން ހުޅުމާލޭ ކޮމާޝަލް ބްލޮކްތަކުގައި މިހާރު ހަ ޑަސްބިނެއް ބަހައްޓާފައިވާ ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


އޭނާ ވިދާޅުވީ ޑަސްބިންތައް ބަހައްޓާނީ އެއްތަނުން އަނެއްތަނަށް ނުގެންދެވޭ ގޮތަށް، ދަގަނޑު ހޮޅިއެއް ބިމަށް ޖެހުމަށް ފަހު އެ ހޮޅިއާ އެކު ޑަސްބިން ވަށައިގެން ބަންދެއް އެޅުވައި ހައްޔަރު ކުރާ ގޮތަށް ކަމަށެވެ.   


"ޑަސްބިންތައް މަގުމަތީގައި ބަހައްޓާލުމުގެ ބަދަލުގައި އަޅުގަނޑުމެން ޑަސްބިންތައް މަގުމަތީގައި ހަރު ކުރަނީ. ކޮމާޝަލް ބްލޮކްތަކުގައި މިހާރު ހުންނާނެ ހަ ޑަސްބިނެއް ހަރުކޮށްފައި. އިތުރު ޑަސްބިންތައް ހަރުކުރުމުގެ މަސައްކަތް ކުރިއަށް ދަނީ." ސުހެއިލް ވިދާޅުވި އެވެ.


ހުޅުމޭލޭގައި ބަހައްޓާފައި ހުރި ޑަސްބިންތައް ބަލަހައްޓައި ސާފު ކުރުމުގެ މަސައްކަތް ކުރާނީ، ސުހައިލު ވިދާޅުވި ގޮތުގައި، ހުޅުމާލެ އެޗްޑީސީގެ މުނިސިޕަލްޓީ ސެކްޝަނުންނެވެ. އަދި އެ ޑަސްބިންތައް އެންމެ އެދެވޭ ގޮތުގައި ބޭނުން ކުރުމަށް އެޑްޑީސީން އިލްތިމާސް ކުރެ އެވެ.


ޕްރުސްކާ އެޗްޑީސީން މިދިޔަ ހޮނިހިރު ދުވަހު ވަނީ ހުޅުމާލޭ ފުލުހުންނަށް ސައިކަލެއް ވެސް ހަދިޔާކޮށްފަ އެވެ.