13 Jan 2014, 10:59
ކީރިތި ރަސޫލާގެ ގެނެސްދެއްވި މަތިވެރި ދީނުގައި ނުގުޑާފަދަ ޢަޒުމަކާއެކު ފައިތިލަ ސާބިތު ކުރުމުގެ އަޒުމު އާކޮށް އެ ކަމުން ހިތްވަރު ލިބިގަންނަން ޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ކީރިތި ރަސޫލާގެ އީދު މީލާދުގެ މުނާސަބަތުގައި، ރައީސް ޔާމީން ފޮނުއްވެވި ތަހުނިޔާ މެސެޖުގައި ވިދާޅުވެފައި ވަނީ ކީރިތި ރަސޫލާ ގެނެސްދެއްވި އަދި އެކަލޭގެފާނު ދެއްކެވި މާތް ނަމޫނާގައި ހިފެހެއްޓުމަކީ މިފަދަ މުނާސަބަތެއްގެ ޒިކުރާ އާކުރަމުންގެންދާއިރު އަޒުމަކަށް ވާން ޖެހޭނެ ކަމަށެވެ. ކީރިތި ރަސޫލާއަކީ، މަޑުމައިތިރިކަމާއި ހިތްޕުޅުތިރިކަމާއި މީސްތަކުންނަށް ކަންތައްތައް ފަސޭހަކޮށްދެއްވުމުގެ އެންމެ ރިވެތި ނަމޫނާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ކީރިތި ރަސޫލާގެ ޙަޔާތްޕުޅުން އަޅުގަނޑުމެންނަށް ލިބޭ އެންމެ މަތިވެރި ފިލާވަޅަކީ، މުސްލިމުންގެ އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ފިލާވަޅުކަން އެއްގޮތަކަށްވެސް ހަނދާންނައްތާލައިގެން ނުވާނެއެވެ،" ރައީސްގެ ތަހުނިޔާގެ މެސެޖުގައިވެ އެވެ.
ޢީދު މީލާދުގެ މުނާސަބަތުގައި ރާއްޖޭގެ ލޮބުވެތި އަދި "އުޚުއްވަތްތެރި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު" ތަހުނިޔާ ދަންނަވަމުން ރައީސް ވިދާޅުވީ މި މުނާސަބަތުގައި އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ބައިނަލްއަޤްވާމީ އިސްލާމީ ޖަމްޢިއްޔާ، ޖަމާޢަތްތަކަށާއި، މުޅި އިސްލާމީ އުންމަތަށް ތަހުނިޔާ ފޮނުވައި މުބާރަކްބާދީ އަދާކުރައްވާ ކަމަށެވެ.