13 Jan 2014, 10:59
މާދަމާ އާ އަހަރުގެ ކިޔެވުން ފެށޭ އިރު ސްކޫލްތައް ފެށޭ ވަގުތުތަކުގަޔާއި ނިމޭ ވަގުތުތަކުގައި "ހެވީ" ވެހިކަލްތަކަށް ސްކޫލްތައް ހުންނަ ސަރަހައްދުތަކަށް ނުވަދެވޭ ގޮތަށް ނިންމައި އެކަން އިއުލާންކޮށްފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދް ނާފިޒް މިއަދު "ސަން" އަށް ވިދާޅުވީ މާދަމާ އިން ފެށިގެން މާލޭ ސްކޫލްތަކުގައި ކިޔެވުން ފެށޭ ވަގުތުގަޔާއި ނިމޭ ވަގުތުގައި ހެވީ ވެހިކަލްތައް އެ ސަރަހައްދުތަކުގައި ދުއްވުމަކީ މަނާކަމެއް ކަމަށާއި އެކަން ޓްރެޕިކް ޕޮލިހުން މޮނީޓާ ކުރާނެ ކަމަށެވެ.
"ހެވީ ވެހިކަލް ކަމުގައިވާ، ލޮރީ އާއި ކުނި އުފުއްލާ ވެހިކަލްތަކާއި ކޮންސްޓުރަކްޝަން ވެހިކަލް ފަދަ ވެހިކަލްތަކަށް ނުވަދެވޭނެ ސްކޫލްތަކުގެ ނިމޭ ގަޑީގަޔާއި ފެށޭ ގަޑިތަކުގައި،" ނާފިޒް ވިދާޅުވި އެވެ.
ނާފިޒް ވިދާޅުވީ ސްކޫލްތަކުގެ ސަރަހައްދުގައި އެފަދަ އުޅަނދުތަކަށް ދުއްވުން މަނާކަން އަންގައިދޭ ބޯޑްތައް ހަރުކުރުމަށް ނިންމާފައިވާ އިރު ފުލުހުން ވެސް އެ ވަގުތުތަކުގައި ސްކޫލްތަކުގެ ކައިރީ ހަރަކާތްތެރިވެ އެކަން އަންގައިދޭނެ ކަމަށެވެ.
އެ ގަވައިދާ ހިލާފުވާ ފަރާތްތަކާ މެދު ގާނޫނުގައިވާ ފިޔަވަޅުގެ ތެރެއިން ޖޫރިމަނާ ކުރުމާއި ލައިސެންސް ހިފެހެއްޓުން ފަދަ އަދަބުތައް ދޭނެ ކަމަށް ވެސް ނާފިޒް ވިދާޅުވި އެވެ.
މީގެ ކުރިން ހެދާފައިވާ ގަވައިދުގައި ވެސް ވަނީ ސްކޫލްތަކުގެ ދޮށުގައި ކުދިންނާއި ބެލެނިވެރިންނަށް އުނދަގޫވާ ގޮތަށް ވެހިކަލް ދުއްވުން މަނާކޮށްފަ އެވެ. ނަމަވެސް މަދުފަހަރު ފިޔަވައި އެގަވައިދުތަކަށް އަމަލުކޮށްފައެއް ނުވެ އެވެ.