13 Jan 2014, 10:33
ވޮޝިންޓަން (ޖަނަވަރީ 13): އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމުގެ ގޮތުން މިދިޔަ ނޮވެމްބަރު މަހު އީރާނާއި ހުޅަނގުގެ ބޮޑެތި ބާރުތަކާ ދެމެދު ސޮއިކުރި އެއްބަސްވުން ތަންފީޒުކުރާނެ ކަމުގެ ޔަގީންކަން އީރާނުން ދީފައިވާތީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ބައެއް ފިޔަވަޅުތަކަށް ލުއިދޭންފަށާނެކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.
ވައިޓް ހައުސްގައި ވާހަކަ ދައްކަވަމުން އޮބާމާ ވިދާޅުވީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ހަރުކަށި ބައެއް ފިޔަވަޅުތަކަށް ލުއިދިނުމުގެ އިތުރުން އީރާނާދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް ނޭޅުމަށް ކޮންގްރެސްގެ ކިބައިން އެދިވަޑައިގެންފައިވާނެ ކަމުގަ އެވެ. އަދި އީރާނާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އެޅުމަށް ކޮންގްރެސް އިން ފާސްކޮށްފި ނަމަ ރިޔާސީ ބާރުތައް ބޭނުން ކުރައްވައިގެން އެކަމާ ދެކޮޅަށް ވީޓޯ ކުރައްވާނެ ކަމަށް ވެސް އޮބާމާ ވިދާޅުވި އެވެ.
އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމުގެ ގޮތުން މިދިޔަ ނޮވެމްބަރު މަހު އެގައުމާއި ހުޅަނގުގެ ބޮޑެތި ބާރުތަކާ ދެމެދު ސޮއިކުރި އެއްބަސްވުން ބިނާވެފައި ވަނީ އީރާނުން ޔޫރޭނިޔަމް ފައްކާކުރާ މިންވަރު ވަކިވަރަކަށްވުރެ މައްޗަށް ނުގެންގޮސް ނިއުކްލިޔާ ބައެއް ހަރަކާތްތައް މަޑުޖައްސާލުމުން އޭގެބަދަލުގައި ދަތިކުރުމުގެ ފިޔަވަޅުތަކަށް ހުޅަނގުން ލުއިދިނުމުގެ މައްޗަށެވެ. މިއެއްބަސްވުން ތަންފީޒުކުރާނެ ގޮތްތަކާ ބެހޭ ގޮތުން މިދޔަ ހަފްތާގައި އީރާނާއި ހުޅަނގާ ދެމެދު އެއްބަސްވުމަކަށް އައުމާ އެކު އީރާނުން ވަނީ މިމަހުގެ 20 ން ފެށިގެން މިއެއްބަސްވުން ތަންފީޒުކުރަން ފަށާނެކަން އިއްލާންކޮށްފަ އެވެ.
އެމެރިކާ އާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން ނިއުކްލިޔާ ހަތިޔާރު އުފައްދައި އެހަތިޔާރުތައް އިތުރަށް ތަރައްޤީ ކުރަމުން ގެންދާއިރު އެމެރިކާ އިސްކޮށް އޮވެގެން ގެންދަނީ އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމް ހުއްޓުވުމަށް ކުރެވެން އޮތްހާ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި އީރާނުގެ އިގްތިސާދު ހަލާކުކޮށްލުމަށް އަމާޒުކޮށްފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ޙަމަލާދޭނެކަމުގެ ބިރުދެއްކުން ވެސް ހިމެނެ އެވެ. މީގެ އިތުރުން އެމެރިކާ ގެންދަނީ އިސްރާއީލުން ނިއުކްލިޔާ ހަތިޔާރު އުފެއްދުމަށް ހިންގާ ޕްރޮގްރާމަށް ސިއްރިޔާތުގައި އެހީތެރިވަމުންނެވެ. (ރޮއިޓާސް)