13 Jan 2014, 10:26
ބެއިޖިން (ޖަނަވަރީ 13): ދުނިޔޭގެ އެންމެ ބޮޑު ވިޔަފާރި ގައުމުގެ ގޮތުގައި މިހާތަނަށްއޮތް އެމެރިކާއަށް އެމަގާމް ގެއްލި ދުނިޔޭގެ އެންމެ ބޮޑު ވިޔަފާރި ގައުމުގެ ދަރަޖަ ޗައިނާއަށް ލިބެންފަށައިފިކަން ކަމާ ބެހޭ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.
ޗައިނާ ސަރުކާރުން މިހަފްތާގައި ހާމަކުރި ވިޔަފާރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ޗައިނާގެ ވިޔަފާރީގެ މުއާމަލާތައް އިތުރުވާ މިންވަރު މިދިޔަ އަހަރު ވަނީ 7.6 އިންސައްތައަށް ކުރިޔަށް ގޮސްފަ އެވެ. ނަތީޖާއެއްގެ ގޮތުން ފާއިތުވި 2013 ވަނަ އަހަރު ޗައިނާގެ ވިޔަފާރީގެ މުޢާމަލާތްތަކުގެ މިންވަރު އެމެރިކާގެ ވިޔަފާރީގެ މުޢާމަލާތްތަކުގެ މިންވަރަށްވުރެ ސުމެއް ޕޮއިންޓް 66 އިންސައްތަ އިތުރުވެފައިވާ ކަމަށް ޗައިނާ ސަރުކާރުގެ ރަސްމީ ތަފާސް ހިސާބުތައް ބުނެ އެވެ.
މިދިޔަ އަހަރު އެމެރިކާ އިން ކުރި ވިޔަފާރީގެ މުޢާމަލާތްތަކުގެ މިންވަރު އެގައުމުން މިހާތަނަށް ހާމަކޮށްފައިނުވި ނަމަވެސް އެމެރިކާގެ އިޤްތިސާދީ ރިޕޯޓްތަކުން ހާމަވާ ގޮތުގައި އެގައުމުގެ ވިޔަފާރީގެ މުޢާމަލާތްތަކުގެ މިންވަރަކީ 3.5 ޓްރިލިއަން އެމެރިކާ ޑޮލަރެވެ. އަދި މިދިޔަ އަހަރު ޗައިނާގެ ވިޔަފާރީގެ މުޢާމަލާތްތަކުގެ މިންވަރަކީ 4.16 ޓްރިލިއަން ކަމަށް ޗައިނާ ސަރުކާރުގެ ތަފާސް ހިސާބުތައް ބުނެ އެވެ. އަނެއްކޮޅުން ދުނިޔޭގައި އެންމެ ގިނަ އުފެއްދުންތައް އުފައްދި ގައުމުގެ މަގާމު ވެސް 2009 ވަނަ އަހަރުން ފެށިގެން ހޯދަމުންގެން ދަނީ ޗައިނާ އިން ކަމަށް އިގްތިސާދީ ރިޕޯޓްތަކުން ވަނީ ހާމަވެފަ އެވެ. (އަލްޖަޒީރާ)