ޓެލްއަވީވް (ޖަނަވަރީ 13): ފަލަސްތީނު ރައްޔިތުންގެ އެންމެބޮޑު ގާތިލް ކަމަށްވާ އިސްރާއީލުގެ ކުރީގެ ހައްދުފަހަނަޅާފައިވާ ބޮޑުވަޒީރު އެރިޔަލް ޝެރޯންގެ ޖަނާޒާ ރަސްމީ އިއްޒަތުގައި މިއަދު ބާއްވާނެ ކަމަށާ އެޖަނާޒާގައި ހުޅަނގުގެ ބައެއް ލީޑަރުން ބައިވެރިވެވަޑައިގަންނަވާނެކަން އިސްރާއީލުން ހާމަކޮށްފި އެވެ.

ޝެރޯންގެ ޖަނާޒާ ރަސްމީ އިއްޒަތުގައި މިއަދު މެންދުރު ބާއްވާއިރު އިސްރާއީލުގެ އިސްތިއްމާރާ އަނިޔާވެރި އަމަލުތަކަށް ބީރުކަންފަތެއްދޭ ހުޅަނގުގެ ބައެއް ލީޑަރުން އޭނާގެ ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވަ އެވެ. މިގޮތުން އެމެރިކާގެ ނައިބު ރައީސް ޖޯ ބައިޑެންއާއި ޢިރާޤު ހަނގުރާމައިގެ އެއްމޭސްތިރި ކަމަށްވާ އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ ޝެރޯންގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަންނަވާނެކަން އިސްރާއީލުން ވަނީ ހާމަކޮށްފަ އެވެ.

ބްލެއަރއަކީ ޢިރާޤާ ދެކޮޅަށް ހަނގުރާމަ ފެށުމަށް މަގުފަހިކުރުމުގެ ގޮތުން ޢިރާޤުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށް ވިދާޅުވެ ދޮގު ހެއްދެވުމުގެ އިތުރުން ޢިރާޤުގައި ހުޅަނގުގެ ބާރުތަކުން ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ފަހަތުގައިވާ ކަމުގެ ތުހުމަތުވެސް ކުރެވިފައިވާ ބޭފުޅެކެވެ. އެރިޔަލް ޝެރޯން ފަސްދާނު ލުމަށް ހަމަޖެހިފައި ވަނީ އޭނާގެ އާއިލާގެ ދަނޑުބިމުގައި ވަޅުލާފައިވާ އޭނާގެ އަނބިކަނބަލުން ލައިލާގެ ކައްވަޅާޖެހިގެން ކަމަށް ވެ އެވެ.

އަނެއްކޮޅުން އިސްރާއީލުގެ އާންމުންގެ އެތައް ބަޔަކު ގެންދަނީ ޝެރޯނަށް އެންމެ ފަހުގެ އިހްތިރާމް އަދާކުރަމުންނެވެ. އިސްރާއީލުގެ މަސްއޫލުވެރިއަކު އިއްޔެ ވިދާޅުވީ އެގައުމުގެ ޕާލަމެންޓް ޢިމާރާތުގައި ބަހައްޓާފައިވާ ޝެރޯންގެ ސަންދޯކުގެ ކައިރިއަށް އިސްރާއީލުގެ ޔަހޫދީންގެ ގިނަ ބަޔަކު ޒިޔާރަތްކޮށްއޭނާ އަށް އެންމެ ފަހު އިހްތިރާމް އަދާކުރަމުން ގެންދާކަމުގަ އެވެ. އިސްރާއީލުން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ ހަނގުރާމަތަކާއި ގަތްލު އާންމުތަކުގެ އިސް މޭސްތިރިކަމުގައި ވާ އިސްރާއީލުގެ ކުރީގެ ހަރުކަށި ބޮޑުވަޒީރު އެރިޔަލް ޝެރޯނަކީ އިސްރާއީލުގެ ޔަހޫދީން ގައުމީ ބަތަލެއްގެ ގޮތުގައި ދެކޭ ބޭފުޅެކެވެ. އަށް އަހަރުވަންދެން ކޯމާއެއްގައި އޮންނެވުމަށް ފަހު އުމުރުން 86 އަހަރުގައި ޝެރޯން މަރުވެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ޓެލްއަވީވުގެ ޝީބާ ހޮސްޕިޓަލުގަ އެވެ.

ނަވާރަސަތޭކަ އަށާވީސް ވަނަ އަހަރު އަހަރުގެ ފެބުރުއަރީ މަހު ޝެރޯން އުފެންވެފައި ވަނީ ޕޮލެންޑުން ފަލަސްތީނަށް ހިޖްރަކުރި ޔަހޫދީ ޢާއިލާއަކަށެވެ. ފަލަސްތީނުގެ ބިމުގައި އިސްރާއީލު އުފެދުމުގެ ކުރިން ފަލަސްތީނުގައި ހަރަކާތްތެރިވި ޔަހޫދީ ޓެރަރިސްޓް ޖަމާޢަތްތަކުގައި އިސްކޮށް ހަރަކާތްތެރިވެ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލުތައް ހިންގުމުގައި އުމުރުން 18 އަހަރުން ފެށިގެން ޝެރޯން ހަރަކާތްތެރިވެފައިވެ އެވެ. މިގޮތުން ޝެރޯން ވެފައި ވަނީ ދުނިޔޭގެ އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަރަކާތްތައް އަމަލީގޮތުން ހިންގެވި އެންމެ ވަރުގަދަ އެއްޓެރަރިސްޓް ކަމުގަ އެވެ.
ޝެރޯންގެ އަނިޔާވެރިކަން އެންމެބޮޑަށް މަޝްހޫރިވެގެން ދިޔައީ 1982 ވަނަ އަހަރު އިސްރާއީލު ސިފައިންގެ ބެލުމުގެ ދަށުން ފަލަސްތީނުގެ ރެފިއުޖީ ދެ އަވަށް ކަމަށްވާ ސަބްރާއާއި ޝަތީލާގައި ލުބްނާނުގެ ނަސާރާ ކަތާއިބު ހަނގުރާމަވެރިން ހިންގި ބިރުވެރި ގަތްލުއާންމުގައި އޭނާ އަދާކުރައްވި ދައުރުގެ ސަބަބުންނެވެ. ފަލަސްތީނުގެ އަންހެނުންނާއި ތުއްތުކުދިންނާއި އަދި މުސްކުޅިން ހިމެނޭގޮތަށް 8،000 އަށް ވުރެ ގިނަ މީހުން ވަރަށް އަނިޔާވެރި ގޮތަކަށް ޝަހީދުކޮށްލި މިގަތްލުއާންމަށް މަގުފަހިކޮށްދީ އެކަމުގެ އިސް މޭސްތިރިއަކަށް ހުންނެވީ ޝެރޯނެވެ. މިކަންވަނީ އިސްރާއީލުގައިކުރި ތަހްގީގްތަކުން ވެސް ހާމަވެފަ އެވެ.

ސަބްރާ އާއި ޝަތީލާ ގަތްލުއާންމުގެ ތެރޭގައި ފަލަސްތީނުގެ ރެފިއުޖީ އަންހެނުންގެ ތެރެއިން އެތައް ހާސްއަންހެނުން ވެސް ޝެރޯންގެ ބެލުމުގެ ދަށުން ރޭޕް ކޮށްލާފައިވެ އެވެ. ޝެރޯންގެ މަރާގުޅިގެން އިސްރާއީލުގައި ހިތާމަ ކުރަމުން ގެންދާއިރު އޭނާގެ އަނިޔާވެރިކަން ތަހައްމަލުކުރަން ޖެހުނު ފަލަސްތީނުގެ ރައްޔިތުން އުފާފާޅުކުރި ނަމަވެސް ޝެރޯންގެ މަރާގުޅިގެން ފަލަސްތީނުގެ ސަރުކާރުން ވަކިއެއްޗެއް ބުނެފައެއްނުވެ އެވެ. (އަލްޖަޒީރާ)