ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުތަކުގައި ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ އެންމެ ބޮޑު ބޭނުމަކީ ވީދި ހަލާކުވެފައިވާ ރާއްޖޭގެ އިޖުތިމާއީ ފޭރާން އަލުން ވިޔުވުމުގެ މަސައްކަތް ފެށުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ކ. މާފުށީގައި އެރަށު ކައުންސިލާއި އަތޮޅު ކައުންސިލަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، މިރޭ ޑރ. ޖަމީލް ވިދާޅުވީ ދިވެހިންނަށް މިވަގުތަށް އެންމެ ބޭނުން ކަމަކީ އަމަންއަމާންކަމާއެކު އެބަޔަކު ކުރާ މަސައްކަތެއްކޮށް ދިރިއުޅުމުގެ ފުރުސަތު ތަނަވަސްކުރުން ކަމަށެވެ.

"ދިވެހިންނަށް އެންމެ މުހިއްމު ކަމަކީ އަމާންކަމާއެކު ދިރިއުޅެވޭނެ މަގެއް ތަނަވަސްކުރުން. ރަނގަޅު އަހްލާގިއްޔަތަކަށް އެނބުރި ދިއުން. ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ އެންމެ ބޮޑު ބޭނުމަކީ އިޖުތިމާއީ ފޭރާން އަލުން ވިޔުން. އެ މަސައްކަތް މިދަނީ މިހާރުވެސް ކުރަމުން. އެކަމަށްޓަކައި ރަށު އަދި އަތޮޅު ފެންވަރުގައިވެސް އެއްބާރުލުން ސަރުކާރަށް ބޭނުންވޭ" ޑރ. ޖަމީލް ވިދާޅުވި އެވެ.

މާފުށީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ މާފުށީގައި ކުރެވެމުންދާ އިގުތިސާދީ މަސައްކަތްތައް ފާހަގަކޮށް، އެކަމަށްޓަކައި އެރަށު ރައްޔިތުންނަށް މަރުހަބާ ވިދާޅުވެފަ އެވެ.

ސައީދު ވިދާޅުވީ މިދިޔަ އަހަރު ރާއްޖެއަށް 1.2 މިލިއަން ޓޫރިސްޓުން އައުން ފާހަގަކޮށްފައިވާ ކަމަށާއި މިކަމުގައި މާފުށިން މުހިއްމު ދައުރެއް ކުޅެފައިވާ ކަމަށެވެ.

"މިދިޔަ އަހަރު ރާއްޖެއަށް 1.2 މިލިއަން ޓޫރިސްޓުން އައުން ފާހަގަކުރީ. އެއީ އަޅުގަނޑުމެންގެ އާބާދީގެ ތިން ހަތަރު ގުނަ އިތުރު އަދަދެއް. އެއީ ގައުމެއްގައި މަދުން ނޫނީ ވާކަމެއް ނޫން. މިކަން އަޅުގަނޑު ފާހަގަ މިކުރަނީ މިރަށަކީ ޓޫރިޒަމްގައި މުހިއްމު ރަށަކަށްވާތީވެ" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ މާފުށީގައި ދެ މަޝްރޫއެއް ވަރަށް އަވަހަށް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެއީ މާފުށީގައި ކުނި ނައްތާލުމުގެ ނުވަތަ ވޭސްޓް މެނޭޖްމަންޓް ނިޒާމެއް ގާއިމްކުރުމާއި މާފުށި ހިއްކުމުގެ މަސައްކަތްތައް ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.