ހުޅުމާލޭ ޕްލެޓިނަމް ރެސިޑެންސެސްގެ "ފޭސް ޓޫ" ގެ ގެތައް ހަދައި ނިމިފައިވާ ކަމަށް ޕްލެޓިނަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް (ޕްރެޑް)ގެ ޑިރެކްޓަރު ގަހުތާން ހަލީމް މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގަހުތާން ވިދާޅުވީ ޕްލެޓިނަމް ރެސިޑެންސެސްގެ ދެވަނަ ފޭސްގެ ހުރިހާ ގެތަކެއް މިހާރު ހަދާ ނިމިފައިވާ ކަމަށެވެ.

ފޭސް ޓޫގައި ހިމެނެނީ ޖުމްލަ 46 ޔުނިޓް އެވެ. އެއީ 3 ބެޑްރޫމް އެޕާޓްމަންޓް ހިމެނޭ 20 ޔުނިޓާއި ހަތަރު ބެޑްރޫމް އެޕާޓްމަންޓް ހިމެނޭ 19 ޔުނިޓާއި އަދި ޕެންޓްހައުސް އެޕާޓްމަންޓްގެ 6 ޔުނިޓާއި 7 ބެޑްރޫމްގެ އެއް އެޕާޓްމަންޓެވެ.

ސްވިމިންޕޫލް ތަކާއެކީ ހިމެނޭ ފޭސް ޓޫގެ ހުރިހާ ގެތަކެއް މިހާރު ހަދާ ނިމިފފައިވާއިރު އޭގެ 80 ޕަސެންޓް ވިކިފައިވާ ކަމަށް ޑިރެކްޓަރު ވިދާޅުވި އެވެ. އަދި މިމަހުގެ 25 ގައި އެ ގެތަކުގެ ވެރިފަރާތަށް އެތަން ހަވާލުކުރާނެކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ސޭލްސް އަށް ބަލާއިރު މިތާގެ 80 ޕަސެންޓް މިހާރު މިއޮތީ ވިކިފައި. އަޅުގަނޑުމެންގެ ޕްލޭންއަކީ މިމަހުގެ 25 އިން ފެށިގެން ގެތަށް ގަނެފައި ތިބި ފަރާތްތަކަށް އެތަންތަން ހަވާލުކުރުން" ޑިރެކްޓަރު ވިދާޅުވި އެވެ.

އެ ގެތަށް ގަންނަން ބޭނުންވާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ވެސް 2 އޮޕްޝަނެއް ވަނީ ހުޅުވައިލައިފަ އެވެ. އެއީ އެއްކޮއް އެއްފަހަރާ ފައިސާ ދައްކާ ހަލާސްކުރުމާއި 20 ޕަސެންޓް ދެއްކުމަށްފަހު ފައިނޭސްސް އުސޫލުގެ ދަށުން އިސްލާމިކް ބޭންކާއި ގުޅިގެން ބާކީ ދެއްކުން ކަމަށް ގަހުތާން ވިދާޅުވި އެވެ.

ގަހުތާން ވިދާޅުވީ އެ އެޕާޓުމަންޓުތައް ކުއްޔަށް ނެގުމަށް ވެސް ވަރަށް ގިނަ ފަރާތްތަކުން އެދެމުން ގެންދާކަމުގަ އެވެ. އެހެން ނަމަވެސް ކުއްޔަށް ދިނުމަކީ އެބޭފުޅުން އެތަންތަން ވިއްކުމަށްފަހު، އެ ތަންތަނުގެ އޯނަރުންގެ އަތްމަތީގައި އޮތްކަމެއް ކަމަށް ވެސް ގަހުތާން ވިދާޅުވި އެވެ.

އެ އެޕާޓްމަންޓްތަކުގެ އަގާ ބެހޭގޮތުން ސުވާލުކޮއްލުމުން އެ ގަހުތާން ވިދާޅުވީ "އަގުތަށް އުޅެނީ 2.3 މިލިއަނާ 8 މިލިއަނާ ދެމެދުގެ އަގެއްގައި" ކަމަށެވެ. އެހެން ނަމަވެސް ޖުމްލަ 7 ރޫމް އަދި އަމިއްލަ ސްވިމިންގް ޕޫލްއަކާ އެކީ ހިމެނޭ އެޕާޓްމަންޓްގެ އަގު ތަފާތުވާނެކަމަށް އޭނާ ވިދާޅުވި އެވެ.

ގަހުތާން އިތުރަށް ވިދާޅުވީ ޖުމްލަ ތިން ފޭސް ހިމެނިފައިވާ އެ އެޕާޓްމަންޓަކުގެ ދެ ފޭސް ނިމިފައިވާއިރު ތިންވަނަ ފޭސް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެކަމަށެވެ.