12 Jan 2014, 19:29
ރާއްޖޭގެ ފުޓްބޯޅަ ރެފްރީންގެ ތެރެއިން 2014 ވަނަ އަހަރަށް ފީފާ ބެޖް ހާސިލްކުރި އަށް ރެފްރީއަކަށް މިއަދު ބެޖު ހަވާލު ކޮށްފި އެވެ.
ރެފްރީންނަށް ފީފާ ބެޖު ހަވާލުކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ (އެފްއޭއެމް ހައުސް)ގަ އެވެ. އަދި އެރަސްމިއްޔާތުގައި ރެފްރީންނަށް ބެޖު ހަވާލުކޮށްދެއްވީ، އެފްއޭއެމްގެ ކުރީގެ ރައީސް އަބްދުއްޝަކޫރު އެވެ.
މިއަހަރު ރާއްޖެއިން ފީފާގެ ރެފްރީ ބެޖް ހަތަރު ރެފްރީއަކަށް ލިބިފައިވާއިރު ފީފާގެ އެސިސްޓެންޓް ރެފްރީ ބެޖު ވެސް ލިބިފައިވަނީ ހަތަރު ރެފްރީންނަށެވެ. އެގޮތުން ފީފާގެ ރެފްރީ ބެޖް މިފަހަރު ލިބުނު ރެފްރީންނަކީ، އަލީ ސަލީމާއި، އަހްމަދު އަސްލަމް އާއި، އަހްމަދު އަފްސަހް އާއި ޝިފާން އަބްދުއްރަހީމް އެވެ.
އަދި ފީފާގެ އެސިސްޓެންޓް ރެފްރީ ބެޖް ލިބުނު ރެފްރީންނަކީ ޖައުފަރު ރަޝީދު އާއި އިބްރާހީމް ތައުފީގު އާއި އަހްމަދު އަމީޒު އާއި މުހައްމަދު ފަރީދު އެވެ.
ރެފްރީންނަށް ފީފާ ބެޖު ހަވާލުކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަކޫރު ވަނީ، ފުޓްބޯޅައިގައި ރެފްރީން އަދާކުރާ ދައުރުގެ މުހިއްމު ކަމާ ބޭހޭ ގޮތުން ވާހަކަފުޅު ދައްކަވައިފަ އެވެ، އަދި ޕްރޮފެޝަނަލް ބައެއްގެ ގޮތުގައި މަސައްކަތްކުރުމަށާއި އެއް ލެވެލް އެއްގައި ފިޓްނަސް ރަނގަޅަށް ހިފެހެއްޓުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ވެސް ޝަކޫރު ވަނީ ރެފްރީނަނަށް އިލްތިމާސް ކުރައްވައިފަ އެވެ.