ގަވާއިދާ ހިލާފަށް ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން އަތޮޅުތަކުގައި އުޅޭ ބިދޭސީންނަށް ވެސް އަމިއްލަ ހަރަދުގައި އެނބުރި އެމީހެއްގެ އަމިއްލަ ގައުމަށް ދިއުމުގެ ފުރުސަތު ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ހުޅުވާލައިފި އެވެ.

އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންދާތީ އެކަމަށް އަވަސް ހައްލެއް ހޯދުމަށް ވަރަށް ބޮޑު ސަމާލުކަމެއް ސަރުކާރުންދޭ ކަމަށެވެ. އަދި އެގޮތުން އަތޮޅުތަކުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން އަމިއްލަ ހަރަދުގައި އެނބުރި އެމީހެއްގެ ގައުމަށްދާން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު މިމަހުގެ 30 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައި ވާކަމަށެވެ.

"އެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަންނަ އަންގާރަ ދުވަހުން ފެށިގެން މިމަހުގެ ނިޔަލަށް. އަދި މިޑިޕާޓްމަންޓްގެ 'ފޮރިން އެމްޕްލޯއީމެންޓް ސެކްޝަން' އަށް ސަރުކާރު ބަންދު ދުވަސްފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށް ހާސިރުވުމުން ރާއްޖެއިން ފުރުވާލުމުގެ ހިދުމަތް ދެވޭނެ،" އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ވަނީ މާލޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ވެސް އަމިއްލަ ހަރަދުގައި އެނބުރި އެމީހެއްގެ ގައުމަށް ދާންބޭނުންވާ މީހުންނަށް އެ ފުރުސަތު މިދިޔަ ހަފުތާގެ އާދީއްތަ ދުވަހު ހުޅުވައިލާފަ އެވެ.

އިމިގްރޭޝަނުން ބުނީ އެގޮތުން ހުޅުވާލި ފުރުސަތުގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ ތެރެއިން އަމިއްލަ ހަރަދުގައި އެނބުރި އެ މީހެއްގެ ގައުމަށް ދާން ބޭނުންވެގެން ޖުމުލަ 2596 ބިދޭސީން ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.