12 Jan 2014, 17:23
ޗެލްސީގައި ހުރީ ވަރަށް އުފަލުން ކަމަށް އެ ކްލަބުގެ ބެލްޖިއަމް މިޑްފީލްޑަރު އެޑެން ހަޒާޑް ބުނެފި އެވެ.
މިސީޒަންގައި ހަޒާޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދެ އެވެ. އެގޮތުން އިނގިރޭސި ޕްރިމިއާ ލީގު އަދި ޔޫއެފާ ޗެމްޕިއަންސް ލީގުގައި ހަޒާޑްގެ ކުޅުން ފާހަގަކޮށްލެވެ އެވެ. ޕްރިމިއާ ލީގުގައި އިއްޔެ ހަލް ސިޓީ އާއި ދެކޮޅަށް ކުޅެ 2-0 ލަނޑުން މޮޅުވި މެޗުގައި ވެސް ހަޒާޑް ވަނީ ޗެލްސީ އަށް ލަނޑެއް ކާމިޔާބުކޮށްދީފަ އެވެ. ޗެލްސީގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ސްޕެއިން ފޯވާޑް ފެނާންޑޯ ޓޮރޭޒް އެވެ.
"ޗެލްސީގައި އަހަރެން މިހިރީ ވަރަށް އުފަލުގައި. މި ކްލަބާއެކު ހޯދެން ހުރި ހުރިހާ ކާމިޔާބެއް ހޯދަން އަހަރެން ބޭނުން. ކްލަބުގައި މޮޅެތި ގިނަ ކުޅުންތެރިންތަކެއް އެބަތިބި. ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ހޯދަން އަހަރެން ގިނަ މަސައްކަތްތަކެއް ކުރަން. އަދި ކޯޗު މޮރީނިއޯގެ ފަރާތުން ވެސް އަހަރެންނަށް ބޮޑު އެހީތެރިކަމެއް ލިބޭ." ހަޒާޑް ބުންޏެވެ.
ހަޒާޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދާއިރު ގިނަ ކްލަބުތަކަކުން ދަނީ އޭނާ ހޯދުމަށް މަސައްކަތްކުރަމުން ނެވެ. އެގޮތުން 2012 ވަނަ އަހަރު 32 މިލިއަން ޕައުންޑަށް ޗެލްސީ އަށް ބަދަލުވި ހަޒާޑް ހޯދަން ފްރާންސްގެ މުއްސަނދި ކްލަބު ޕެރިސް ސެއިންޓް ޖާމެން (ޕީއެސްޖީ) އިން މަސައްކަތް ކުރަމުންދާ ކަމަށް ވެސް މީޑިއާ ރިޕޯޓްތަކުން ބުނަމުން ދެއެވެ.