12 Jan 2014, 17:00
ސްޕެނިޝް ލަލީގާގެ ގަދަ ހިފުމުގައި ރޭ އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުން އެޓީމަށް ޕޮއިންޓެއް ލިބުން ހައްގު ނޫންކަމަށް ބާސާގެ ސްޕެއިން ވިންގާ ޕެޑްރޯ ބުނެފި އެވެ.
ލީގުގެ އެންމެ ކުރީގައި ޕޮއިންޓުގެ ގޮތުން އެއްވަރުވެފައި އޮތް އެތްލެޓިކޯ އާއި ބާސާ ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. މިމެޗުން ދެޓީމު އެއްވަރުވީ ނަމަވެސް ބާސާ އާއި އެތްލެޓިކޯ އޮންނާނީ ލީގުގެ އެންމެ ކުރީގަ އެވެ. ލީގުގެ އެއްވަނާގައި ގޯލްގެ ތަފާތުން ކުރީގައި އޮތީ ބާސާ އެވެ.
"މިމެޗަކީ ވަރަށް ވަރުގަދަ މެޗެއް. އަހަރެމެން މޮޅު ކުޅުމެއް ދެއްކިން، އެހެންކަމުން އަހަރެމެންނަށް ޕޮއިންޓަކަށްވުރެ ގިނައިން ލިބުން ހައްގުކަމަށް އަހަރެން ގަބޫލުކުރަން. އަހަރެމެން ބޭނުންވީ މެޗުގެ ފުރަތަމަ މިނެޓުން ފެށިގެން އެތުލެޓިކޯ އަށް ނުރައްކާކުރަން. އެގޮތުން އަހަރެމެން ގިނަ ފުރުސަތުތަކެއް ހޯދިން. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އަހަރެމެންނަށް ރަނގަޅަކަށް ނުކުރެވުން." ޕެޑްރޯ ބުންޏެވެ.
ޕެޑްރޯ އިތުރަށް ބުނީ، އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މެޗުގައި އެޓީމުގެ ސަޕޯޓަރުންގެ ފަރާތުން އެތުލެޓިކޯ އަށް ބޮޑު އެހީތެރިކަމަށް ލިބުނު ކަމަށެވެ. "ވިސެންޓޭ ކަލްޑެރޮން ސްޓޭޑިއަމް އަކީ އުނދަގޫ ސްޓޭޑިއަމް އެއް. އެތްލެޓިކޯގެ ސަޕޯޓަރުންގެ ފަރާތުން އެޓީމަށް ވަރުގަދަ ހިތްވަރެއް ލިބުނު. އެހެންކަމުން ޕޮއިންޓަކުން ނިންމާލެވުން ރަނގަޅު." ޕެޑްރޯ ބުންޏެވެ.
ލަލީގާގެ އެންމެ ކުރީގައި ބާސާ އާއި އެތްލެޓިކޯ އޮތީ ނަވާރަ މެޗުން ލިބުނު ފަންސާސް ޕޮއިންޓާއެކު އެވެ. މިރޭ އެސްޕަންޔޯލް އާއި ދެކޮޅަށް ތިންވަނައިގައި އޮތް ރެއާލް މެޑްރިޑް ނުކުތުމުގެ ކުރިން އެޓީމަށް ލިބިފައިވަނީ 44 ޕޮއިންޓެވެ. މިރޭ މެޑްރިޑް މޮޅުވެއްޖެނަމަ، ބާސާ އަދި އެތްލެޓިކޯ އާއި ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަ ވާނެ އެވެ.