ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަރައްގީ ކުރުން ނުވަތަ ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިޒް (އެސްއެމްއީ) ރީބްރޭންޑުކޮށް "އަގި" ގެ ނަމަށް ބަދަލުކުރުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ފަށައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީ އެގްޒެކެޓިވް ޑިރެކްޓަރު އުސްމާން ޝާކިރު ވިދާޅުވީ އެސްއެމްއީ ރީބްރޭންޑުކޮށް "އަގި" ގެ ނަމަށް ބަދަލުކުރާއިރު، އެ ޕްރޮޖެކްޓަށް ނިޝާނެއް ނުވަތަ ލޯގޯއެއް ވެސް ލިބިގެންދާނެ ކަމަށެވެ. އަދި އެކަމުގެ ބޭނުމަކީ ކޮންމެ މީހަކަށް ވެސް އެ ނިޝާން ފެނުމުން އެއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަރައްގީ ކުރުމާ ބެހޭ މަސައްކަތެއް ކަން އެނގުން ކަމަށެވެ.

"އަޅުގަނޑުމެން 'އަގި' އަށް ރީބްރޭންޑުކުރުމުން ނިޝާނެއް ވެސް ހުންނާނެ. އޭރުން އެބަސް ނުބުންޏަސް އެނިޝާން ފެނުމުން ވެސް އެނގޭނެ މިއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިއާ ބެހޭ ކަމެއް ކަން. ނުވަތަ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަރައްގީ ކުރުމަށް ލޯން ލިބޭ ތަނެއް ކަން" އުސްމާން ވިދާޅުވި އެވެ.

އުސްމާން ވިދާޅުވީ "އަގި" އަށް ރީބްރޭންޑުކޮށް އެކަން ރަސްމީކޮށް އިއުލާންކުރެވޭނީ އަންނަ ހަފްތާގެ ތެރޭގައި ކަމަށެވެ.

"އަގި" މި ބަހުގެ މާނައަކީ އިހުގައި ފައިސާގެ ގޮތުގައި ބޭނުން ކުރި "ފަސްފުއްބޮލި" އެވެ. ނުވަތަ ބޮލިގުނުމުގެ ފުރަތަމަ އަދަދެވެ.