12 Jan 2014, 16:40
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްގީ ކުރުމަށް މިމަހު ހުޅުވާލި 23 މިލިއަން ރުފިޔާގެ ލޯން ސްކީމްގެ ތެރެއިން 14 މިލިއަން ރުފިޔާގެ ލޯނަށް އެކި ފަރާތްތަކުން އެދިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުނެފި އެވެ.
މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓްރީގެ އޭޑީބީ ޕްރޮޖެކްޓް މެނޭޖަރު ލަމްޔާ އިބްރާހިމް ވިދާޅުވީ އޭޑީބީ އަދި އައިޑީބީގެ ލޯން އެހީއެއްގެ ދަށުން ކުދި އަދި މެދު ފަންތީގެ ވިޔަފާރި (އެސްއެމްއީ) ތަރައްގީކުރުމަށް 23 މިލިއަން ރުފިޔާގެ ލޯން ސްކީމް ހުޅުވާލާފައި ވަނީ މިމަހުގެ ހަ ވަނަ ދުވަހު ކަމަށެވެ.
އަދި އޭގެ ފަހުން މިހާތަނަށް އެކި އެކި ފަރާތްތަކުން 14 މިލިއަން ރުފިޔާގެ ލޯން އެހީއަށް އެދިފައިވާ ކަމަށް ލަމްޔާ ވިދާޅުވި އެވެ.
އެސްއެމްއީ ލޯން ސްކީމްގެ ދަށުން ލޯން އެހީ ދެނީ ހަ ދާއިރާއަކުން ނެވެ. އެއީ ފަތުރުވެރިކަން، މަސްވެރިކަން، ދަނޑުވެރިކަން، އައިސީޓީ، ޓެކްސީ އާކުރުން އަދި އެހެނިހެން ދާއިރާތަކެވެ. މީގެން ކޮންމެ ދާއިރާއަކަށް ވެސް ލޯން ދެވޭނެ މިންވަރެއް ކަނޑައަޅާފައިވާ އިރު، އެއް ފަރާތަކަށް އެންމެ ބޮޑުވެގެން ދެނީ އެއް މިލިއަން ރުފިޔާގެ ލޯނެވެ.
"ހަ ދާއިރާއަކަށް ބަހާލައިގެން ލޯން ދެމުން ދަނީ. އޭގެ ތެރޭގައި ޓޫރިޒަމް، މަސްވެރިކަން އަދި ދަނޑުވެރިކަން ވެސް ހިމެނޭ. ކޮންމެ ދާއިރާއަކަށް ވެސް ވަކި އަދަދެއް ކަނޑައަޅައިގެންދޭ އިރު ބޮޑު ތަރުހީބެއް އަންނަނީ ލިބެމުން." ލަމްޔާ ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ޕްރޮޖެކްޓް ޑިޕާޓްމަންޓްގެ ނެޝަނަލް މެނޭޖަރު އަހުމަދު މުނައްވަރު ވިދާޅުވީ އެންމެ ތަރުހީބު ކުޑައީ އައިސީޓީ ނުވަތަ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށް ކަމަށެވެ. އެދާއިރާއިން ތިން މިލިއަން ރުފިޔާގެ ލޯން ދިނުމަށް ކަނޑައަޅާފައިވެ އެވެ.
އެ ލޯން ދޫކުރަނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށެވެ.