ސޯޅަ ލިސްޓެއް ފިޔަވައި އެހެން ހުރިހާ ލިސްޓެއްގައި ސޮއިކޮށްފައިވާނެ ކަމަށް ޕީޕީއެމުން ބުނެފި އެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ކެންޕޭންގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅެއް ކަމަށްވާ މުހައްމަދު އަސްމަލީ ވިދާޅުވީ ހަތަރު ދާއިރާއެއްގެ 16 ލިސްޓެއް ފިޔަވައި އެހެން ހުރިހާ ލިސްޓެގައި ސޮއިކުރުމުގެ ކަންތައް ނިންމާލާފައި ވަނީ ރޭ 8:00 ހާއިރު ކަމަށެވެ.

އޭނާ ވިދާޅުވީ ލިސްޓުތަކުގައި ސޮއިކުރުމުގެ ކުރިން ޗެކްކުރުމަށް ޓަކައި، މީގެ ދިހަ ވަރަކަށް ދުވަސްކުރިން ހުރިހާ ލިސްޓެއް އިލެކްޝަނުން އީމެއިލް މެދުވެރިކޮށް ފޮނުވި ކަމަށެވެ. ނަމަވެސް ކުއްލިގޮތަކަށް ރޭ 7:30 އެހާކަންހާއިރު ހަތަރު ދާއިރާއެއްގެ 16 ލިސްޓެއް އީމެއިލް ކުރުމަށް ފަހު، ކުރިން ފޮނުވި އެ ލިސްޓުތައް ކެންސަލް ކުރުމަށް ފަހު ފަހުން ފޮނުވި ލިސްޓުތަކަށް އަމަލުކުރުމަށް އިލެކްޝަނުން އަންގާފައިވާ ކަމަށް އަސްމަލީ ވިދާޅުވި އެވެ.

"ޗެކްކުރުމަށްޓަކައި މީގެ ދިހަ ވަރަކަށް ދުވަސް ކުރިން ވަނީ ލިސްޓުތައް ފޮނުވާފައި. އެ ލިސްޓުތައް ބަލައި ޗެކްކުރުމަށް ފަހު އަޅުގަނޑުމެން ސޮއިކުރަން ފެށީ. ނަމަވެސް ރޭ 7:30 ހާއިރު އަޅުގަނޑުމެންނަށް އީމެއިލުން މި ފޮނުވަނީ 16 ލިސްޓެއް. ފޮނުވާފައި މި ވިދާޅުވަނީ މި ލިސްޓުތަކަކީ އިސްލާހު ކުރެވިފައިވާ ލިސްޓުތަކޭ،" އަސްމަލީ ވިދާޅުވި އެވެ.

ފަހުން ފޮނުވި 16 ލިސްޓުގައި ސޮއިކުރެވޭނީ އެ ލިސްޓުތައް ޗެކްކުރުމަށް ފަހު ކަމަށާއި ސޮއިކުރެވޭނީ އެކަށީގެންވާ ވަގުތު ލިބިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެތަށް ރައްޔިތުންތަކެއްގެ ހައްގު ގެއްލޭ ހައްސާސް މައްސަލައެއް މިއީ. އަޅުގަނޑުމެން އެއްވެސް އިރެއްގައި އިންތިޚާބު ބޭއްވުމަށް ހުރަސްއަޅާފައެއް ނޯންނާނެ. ރިޔާސީ އިންތިޚާބުގެ ދުވަސްވަރުން ފެށިގެން އަޅުގަނޑުމެން ދަންނަވަމުން މިއަންނަނީ ޗެކްނުކޮށް އަޅުގަނޑުމެން ސޮއި ނުކުރާނަމޭ. އަޅުގަނޑުމެން ސޮއި ނުކުރީމަ ދެން އެބޭފުޅުން އަމަލު ކުރައްވާ ގޮތަކަށް އަމަލު ކުރަންވީ. ލިސްޓުތައް ޗެކްކުރަން އެކަށީގެންވާ ވަގުތު ދިނުމުން އަޅުގަނޑުމެން މިތިބީ ކޮންމެ ވަގުތެއްގައި ވެސް އެ ލިސްޓުތަކުގައި ޗެކްކުރަން ތައްޔާރަށް،" އަސްމަލީ ވިދާޅިވޮ އެވެ.

އޭނާ ވިދާޅުވީ ރާއްޖެ އިން ބޭރުގެ ލިސްޓުތަށް ޗެކްކުރުމަށް ޓަކައި އަޅާ ކިޔަން ބެލި އިރު ކޮމިޝަންގެ ވެބްސައިޓުގައި އެ ލިސްޓުތައް ނެތް ކަމަށެވެ. އަދި ހދ. އަތޮޅުގެ އެހެން ރަށްތަކެއްގެ ރައްޔިތުން އެ އަތޮޅު ނޮޅިވަރަންފަރަށް ބަދަލުކޮށްފައިވާ އިރު، ނޮޅިވަރަންފަރުގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު އެމީހުންނަށް ދިނުމަށް އެދުމުން އެ ފުރުސަތު ވެސް އިލެކްޝަންސް ކޮމިޝަނުންދީފައިނުވާ ކަމަށް އަސްމަލީ ވިދާޅުވި އެވެ.