ކަންފަތް ތެރެއަށް ވަތް ކުރަތްޕެއް ނެގުމަށް ޓަކައި އޮސްޓްރޭލިޔާގެ މީހަކު ސިއްހީ އެހީތެރިކަން ހޯދައިފި އެވެ.

ބީބީސީ އިން ބުނީ ދެ ސެންޓި މީޓަރުގެ އެކުރަފި ކަންފަތަށް ވަނުމުން ހެންޑްރިކް ހެލްމާގެ ކަންފަތުގެ ރިއްސާތީވެ އުޅުނު ކަމަށާއި އޭނާ ހޮސްޕިޓަލަށް ދިޔައީ ވެކިއުމް ކުލީނަރެއްގެ އެހީގައި ވެސް ކުރަފި ނުނެރެވުމުން ކަމަށެވެ.

އޮސްޓްރޭލިޔާގެ ޑާވިންގެ ހޮސްޕިޓަލުން ބުނީ ކުރަފި ނަގާފައި ވަނީ އެ ސޮރު މަރާލުމަށް ފަހު ފޯސެޕްސް ބޭނުންކޮށްގެން ކަމަށެވެ.

އޭބީސީ ނިއުސް އިން ބުނީ ހެންޑްރިކަށް ބުދަ ދުވަހު ހޭލެވުނީ ކަންފަތުގައި ރިއްސާތީ ކަމަށެވެ. އަދި ފުރަތަމަ އޭނާ ހީކުރީ ފައިދިގު މަކުނެއް ކަންފަތަށް ވަދެގެން އުޅޭ ކަމަށް ކަމަށެވެ.

ކަންފަތަށް ފެން އަޅައިގެން، އަދި ވެކިއުމް ކުލީނަރެއްގެ އެހީގައި ކުރަފި ނެރެން ކުރި މަސައްކަތް ކާމިޔާބު ނުވެ، ކަންފަތުގައި ރިއްސުން ގަދަވުމާ އެކު ހެންޑްރިކް ހޮސްޕިޓަލަށް ގެންދިޔައީ އޭނާއާ އެއްކޮށް ދިރިއުޅޭ މީހެއް ކަމަށްވެ އެވެ.

ހޮސްޕިޓަލަށް ދިއުމުން ޑޮކްޓަރުން ކުރަފި މަރާލާފައި ވަނީ ކަންފަތަށް ތެޔޮ އަޅައިގެން ނެވެ.

އޭބީސީ ނިއުސްއާ ވާހަކަ ދައްކަމުން ހެންޑްރިކް ބުނީ މިހާރު އެއްވެސް ވަރަކަށް ކަންފަތުގައި ނުރިއްސާ ކަމަށެވެ. އަދި ރައްޓެހިންގެ ފަރާތުން ހެޑްފޯން އަޅައިގެން ނިދުމަށް ނަސޭހަތްތެރިވި ނަމަވެސް، އެފަދަ ކަމެއް ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ހެންޑްރިކް ބުނެ އެވެ.