12 Jan 2014, 15:13
އޭއެފްސީ ޗެލެންޖު ކަޕުގެ މެޗުތައް ކުޅޭ ގަލޮޅު ރަސްމީ ބޯޅަދަނޑާއި އައްޑޫ ޒޯން ސްޓޭޑިއަމް ތަރައްގީ ކުރުމުގެ މަސައްކަތް 71.5 މިލިއަން ރުފިޔާއަށް އަމިން ކޮންސްޓްރަކްޝަނާ ހަވާލުކޮށް އެބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ވެލާނާގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ދެ ދަނޑު މަރާމާތު ކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ. އަދި އަމިން ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ވާހަކަފުޅޫ ދައްކަވަމުން ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ، ބަޖެޓުން ހަރަދުކޮށްގެން އޭއެފްސީ ޗެލެންޖްކަޕް ރާއްޖޭގައި ބޭއްވުމަށް ގާތްގަޑަކަށް 80 މިލިއަން ރުފިޔާގެ ބޭނުންވާ ކަމަށާއި އެހެން ނަމަވެސް މިދިޔަ އަހަރުގެ ބަޖެޓުގައި ހިމެނިފައި އޮތީ 20 މިލިއަން ރުފިޔާ ކަމަށެވެ. އެހެން ކަމުން ފިނޭސް މިނިސްޓުރީ މެދުވެރިކޮށް، މާލިއްޔަތު ކޮމެޓީއާ ވަހަކަދެއްކުމަށްފަހު ނިންމީ މިއަހަރުގެ ބަޖެޓުގައި އޭއެފްސީ ޗެލެންޖްކަޕަށް 50 މިލިއަން ރުފިޔާ ހިމެނުމަށް ފަހު، ބާކީވާ ބައި 2015 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާ ގޮތަށް ކަމަށެވެ.
"މިއަހަރު ބެޖެޓުގައި ހިމެނޭ 50 މިލިއަން ރުފިޔާގެ ތެރެއިން 30 މިލިއަން ހަރަދުވެގެން ދާނީ ސްޓޭޑިއަމްތައް އަޕްގްރޭޑް ކުރުމަށް. މިއީ ވަރަށް މުހިންމު ނިންމުމެއް. އައްޑޫ ޒޯން ސްޓޭޑިއަމްގައި ބައިނަލް އަގްވާމީ މުބާރާތްތައް ބޭއްވިގެންދިއުމަކީ ދިވެހި ޒުވާނުންނަށް ވަރަށް ބޮޑު އުފަލެއް. މިޕްރޮޖެކްޓަށް ރާއްޖޭގެ ބޮޑެތި ކޮންޓުރެކެޓަރުން ކުރިމަތިލި. އެފަރާތްތަކަށް މަރުހަބާކިޔަން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ޗެލޭންޖް ކަޕް ނުބޭއްވިއްޖެނަމަ އޭނގެ ގޮންޖެހުންތައް ރާއްޖެއަށް ވަރަށް ބޮޑު ކަމަށާއި އެގޮތުން ދެ އަހަރު ދުވަހަށް ކުޅިވަރުތަކުން ރާއްޖެ ސަސްޕެންޑް ކުރުމަކީ ގާތް ކަމެއް ކަމަށެވެ.
އަމީން ކޮންސްޓްރަކްޝަންގެ މެނޭޖިންގް ޑިރެކްޓާ އަބްދުﷲ މުހައްމަދު ވިދާޅުވީ އެ ކުންފުނިން މަރާމާތުގެ މަސައްކަތާއި ހަވާލުވީ ބޮޑު ފައިދާ އެއް އެ ޕްރޮޖެކްޓުން ހޯދުމުގެ ބަދަލުގައި ގައުމީ މަސައްކަތެއްގެ ގޮތުގައި ކަމަށާއި އަދި މުބާރާތް ފެށުމުގެ ކުރިން މަސައްކަތް ނިންމާލެވޭނެ ކަމަށް އުންމީދު ކުރާކަމަށެވެ.
"މުބާރާތް ނިމުމުގެ ކުރިން މަސައްކަތް ނިންމާލެވޭނެ ކަމަށް މިބަލަނީ. އުމްމީދަކީ އެއީ. އަޅުގަނޑުމެން މީގެ ކުރިން ވެސް މިފަދަ ބޮޑެތި ޕްރޮޖެކްޓުތައް ވާނި ނިންމާފަ. މިސާލަކަށް ސާކް ސަމިޓަށް އައްޑޫގައި ހެދި ކޮންވެންސަން ސެންޓަރު. އަޅުގަނޑުމެން ވާނީ މިނިސްޓްރީގެ އެދުމުގެ މަތިން ފަސް މިލިއަނެއް ހާ ރުފިޔާގެ ޑިސްކައުންޓެއް ވެސް ދީފަ،" އަބްދުﷲ މުހައްމަދު ވިދާޅުވި އެވެ.
އެގްރީމެންޓުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އިލްހާމް އަހުމަދު ވިދާޅުވީ މިހާރު މުބާރާތް ބޭއްވޭނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށާއި އަދި މުބާރާތަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާގެ ރައީސް ސެޕް ބްލެޓާ ވެސް ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ފީފާގެ އިސްވެރިންނާ ސަރަހައްދީ ފުޓްބޯޅައިގެ އިސްވެރިން ވެސް ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށް އިލްހާމް ވިދާޅުވި އެވެ.
ދަނޑުތައް ތަރައްގީ ކުރަން އަމިންއާ ހަވާލުކުރިއިރު މިދިޔަ ބުދަ ދުވަހު އޭފްސީއިން ވަނީ މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް ފަސް ދުވަހުގެ ތެރޭގައި ނުފަށައިފިނަމަ މުބާރާތް ބޭއްމުގެ ފުރުސަތު އެއްކޮށް ގެއްލިދާނޭ ކަމުގެ އިންޒާރު ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމަށް ދީފަ އެވެ.