ރޭ ޖަމާލުއްދީން ސްކޫލް ބުރު ކައިރިން ވަޅިން ހަމަލާދީ ޒަމްކޮށްލި މީހާ އަށް ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފި އެވެ.


ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ރޭ ދަންވަރު ޖަމާލުއްދީން ސްކޫލު ކައިރިން ތޫނު އެއްޗަކުން ހަމަލާދީފައި ވަނީ އުމުރުން 40 އަހަރުގެ މީހަކަށް ކަމަށެވެ. އެ ހަމަލާގައި އެ މީހާ އަށް ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


އަދި އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާދީ ދޫކޮށްލާފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.


ފުލުހުން ބުނީ އެ މީހާއަށް ހަމަލާ ދިނުމުގެ ސަބަބުން ހަލާކުވެފައި ވަނީ އަތުގެ އުޅަނބޮށިން އިންޗިއެއްހާ ތަންކޮޅެއް ކަމަށެވެ.  


"އުޅަނބޮށި ކައިރިން އަތުން އިންޗިއެއްހާ ތަންކޮޅެއް ހަލާކުވީ. އޭނާ ޓެކްސީއަކުން ފޭބިތަނުން އޭނާއަށް ހަމަލާ ދީފައިވަނީ. ހަމަ އެވަގުތު އޭނާއަށް ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައި." ޝިޔާމް ވިދާޅުވި އެވެ.


މި މާރާމާރީ އާއި ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރު ކޮށް ނުވާކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.


ރޭ ޖަމާލުއްދީން ކައިރިން ޒުވާނެއްގެ މެޔަށް ވަޅި ހަރައި ޒަހަމް ކޮށްލި ކަމަށް ފެތުރުނު ހަބަރުތައް ފުލުހުން ވަނީ ދޮގުކޮށްފަ އެވެ. ޖަމާލުއްދީން ސޫކޫލް ކައިރިން ވަޅިތަކެއް ހިފައިގެން ތިބި ބަޔަކު ގޮސް ޒުވާނެއްގެ ގަޔަށް ވަޅި ހެރުމުން ޒަހަމްވި ޒުވާނާ އާއި ވަޅި ހެރި މީހުން ފިލައިގެން ގޮސްފައިވާ ކަމަށް އެކި ފަރާތްތަކުން ރޭ ސަން އަށް މައުލޫމާތުދިނެވެ. އަދި ސަންގެ ނޫސްވެރިން އެ ސަރަހައްދިޔަ އިރު އެ ސަރަހައްދުގައި ލޭ ހުރުމުގެ އިތުރުން ފުލުހުން ވެސް އެތަނުގައި ހަރަކާތްތެރިވަމުން ގޮސްފައިވެއެވެ.