ހުސްވި މަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިޖްތިމާޢީ ރައްކާތެރިކަމުގެ ބިލާއި އަދި ވަޒީފާއާ ބެހޭ ގާނޫނުގެ ތިން ވަނަ އިޞްލާޙު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ތަޞްގީގު ކުރައްވައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފި އެވެ.

އިޖްތިމާޢީ ރައްކާތެރިކަމުގެ ގާނޫނަކީ ދިވެހި ރާއްޖޭގެ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަމުގެ ގޮތުން ސަރުކާރުން ކަނޑައަޅާ އެހީތައް ދިނުމުގެ އެންމެހައި އުސޫލުތައް ބަޔާންކުރާ ގާނޫނެވެ. އެ ޤާނޫނުގެ މައްސަލަތަކުގެ ތެރޭގައި ފަގީރުކަމުގެ ލޮޅުންތަކުން ރައްޔިތުންގެ ތެރެއިން ދަތިޙާލުގައި ޖެހޭ މީހުންނަށް އިޖްތިމާޢީ ރައްކާތެރިކަން ދިނުމާއި މުއްސަނދިންނާއި ފަގީރުންގެ ދެމެދުގައިވާ ފަރަގު ކުޑަކުރުމާއި ގައުމުގެ ހުރިހާ ވަސީލަތް ރައްޔިތުންނަށް ވީހާ ވެސް ހަމަހަމަގޮތެއްގައި ފޯރުކޮށްދިނުމާއި އަސާސީ ބޭނުންތައް ފުއްދުމުގެ ތަނަވަސްކަން ނެތް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ.

އިޖްތިމާޢީ ރައްކާތެރިކަމުގެ ގޮތުން ރައްޔިތުންގެ ތެރެއިން ދަތިޙާލުގައިވާ މީހުންނަށް ސަރުކާރުންދޭ އެކިއެކި އެހީތައް ވެސް މިޤާނޫނުގައި ބަޔާންކޮށްފައިވެ އެވެ. އޭގެތެރޭގައި އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށްދޭ ފައިސާގެ އެހީއާއި އަޅާލާނެ ފަރާތެއް ނެތް މީހުންނަށްދޭ އެހީއާއި، ނަފްސާނީ ބަލީގެ މީހުންނަށްދޭ އެހީއާއި މައިންބަފައިންގެ އެހީތެރިކަމެއްނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެކުދިން ބަލަހައްޓާ ފަރާތަށްދޭ އެހީ ހިމެނެ އެވެ. އަދި ކަރަންޓް ބިލް ދެއްކުމަށްދޭ އެހީއާއި ކާބޯތަކެއްޗަށްދޭ އެހީ އާއި ފެންބިލް ދެއްކުމަށްދޭ އެހީއާއި ގޯތިގެދޮރުގެ އެހީއާއި ކުއްލި ޙާލަތެއް ދިމާވެގެން ރައްކާތެރިކަން ދިނުމުގެ ގޮތުންދޭ އެހީއާއި، އެކިއެކި ޞިނާޢީ ދާއިރާތަކުގައި ކުދި ނުވަތަ މެދުފަންތީގެ ވިޔަފާރި ހިންގާ މީހުންނަށް ދިމާވާ ދަތިޙާލެއްގެ ސަބަބުން ދޭންޖެހިއްޖެނަމަ ދޭ އެހީ އާއި ދަރިވަރުންނަށްދޭ އެހީ ހިމެނެ އެވެ.

އެ ގާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ، ގާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރާތާ ހަ މަސް ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.

ވަޒީފާއާބެހޭ ޤާނޫނުގެ ތިން ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަކީ އެ ޤާނޫނުގެ 63 ވަނަ މާއްދާގައި މިހާރު އޮތް ބައި ބިދޭސީން ވަޒީފާ އަދާކުރުމަށް ހުއްދަ ދިނުމާއި ޑިޕޮސިޓް ބެހެއްޓުން އެއީ އެ މާއްދާގެ (ނ) ކަމުގައި ހަމަޖައްސައި ތިރީގައިމިވާ ގޮތަށް އެ މާއްދާއަށް (ހ) އަދި (ށ) އިތުރުކުރުމެވެ.
އެ މާއްދާގެ (ހ)ގައި ވަނީ ދިވެހި ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެންނަ ކޮންމެ ބިދޭސީއެއް ރާއްޖެއަށް ގެނައުމުގެ ކުރިން އެމީހަކު، ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ ނުވަތަ [އެމްޕްލޮއިމަންޓް އެޕްރޫވަލް] ހޯދަންވާނެ އެވެ.
އަދި (ށ) ގައި ވަނީ ދިވެހި ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ގެންނަ ފަރާތްތަކުން މިޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަމާބެހޭ ދައުލަތުގެ މުއައްސަސާގައި ޑިޕޮސިޓް ބަހައްޓަންވާނެ ކަމަށެވެ.