12 Jan 2014, 14:19
މިދިޔަ މަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްގުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ތަސްތީގު ކުރައްވައިފި އެވެ.
އެ ގާނޫނަކީ ދައުލަތުގެ އެންމެހައި ކަންކަން ހާމަކަންބޮޑު ގޮތެއްގައި އަދި ޖަވާބާދާރީކުރުވަނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ޓަކައި މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްގު ދިވެހިރާއްޖޭގައި ލިބިދެވޭ ދާއިރާ އެކަށައަޅައި ދައުލަތުގެ އިދާރާތަކުން އުފައްދާ ނުވަތަ ގެންގުޅޭ ނުވަތަ ބަލަހައްޓާ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު، ކޮންމެ މީހަކަށްމެ ލިބިދިނުމުގެ އުސޫލުތައް ކަނޑައެޅުމުގެ ޤާނޫނެވެ. އެ ގާނޫނުތަކުގެ މަގްޞަދުތަކުގެ ތެރޭގައި ދައުލަތުގެ އިދާރާއެއްގައިވާ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު އެކަށައެޅުމާއި ދައުލަތުގެ އިދާރާއެއްގައިވާ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްގު ނުހިނގާނީ، އެ ޤާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ ޙާލަތްތަކުގައި އެކަނި ކަމުގައި ކަނޑައެޅުމާ އެކު، އެ ޙާލަތްތަކުގައި ވެސް އެ މަޢުލޫމާތު ހާމަކުރުމުން ލިބޭ ގެއްލުމަށް ވުރެ، ހާމަނުކުރުމުން ޢާންމު މަޞްލަޙަތަށް ލިބޭ އުނިކަން ބޮޑުވާ ނަމަ، ޢާންމު މަޞްލަޙަތު ނެގެހެއްޓުމަށް ޓަކައި އެ މަޢުލޫމާތު ހާމަކުރުމުގެ އުސޫލު ކަނޑައެޅުން ހިމެނެ އެވެ. އަދި ދައުލަތުގެ އިދާރާތަކުގައިވާ މަޢުލޫމާތު ވީހާ ވެސް ފުޅާ ދާއިރާއެއްގައި ޝާއިޢު ކުރުމަށް ހިތްވަރު ދިނުމާއި މީހަކާ ގުޅޭގޮތުން ދައުލަތުގެ އިދާރާއެއްގައި ބަލަހައްޓަމުންގެންދާ މަޢުލޫމާތަކީ ފުރިހަމަ، ތެދު އަދި އޮޅުމެއް ނެތް މަޢްލޫމާތެއްކަން ކަށަވަރު ކުރުމުގެ ޙައްގު އެމީހަކަށް ލިބިދިނުމާއި މިބަޔާންކުރި ކަންކަން ހިންގުމަށް މަގުފަހިކުރުމަށް ޓަކައި އެކަށީގެންވާ އުޞޫލުތަކެއް ކަނޑައަޅައި ދިނުންވެސް އެ ގާނޫނުތަކުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެ އެވެ.
އެ ޤާނޫނުގެ ދަށުން ރައްޔިތުންނަށް މަޢުލޫމާތު ދޫކުރުމުގެ މަސްއޫލިއްޔަތު އުފުލާނެ އިންފޮމޭޝަން އޮފިސަރެއް ނުވަތަ އިންފޮމޭޝަން އޮފިސަރުން، ދައުލަތުގެ ކޮންމެ އިދާރާއެއްގައި އެ އިދާރާގެ އެންމެ އިސްވެރިޔާ ކަނޑައަޅަންވާނެ ކަމަށާއި އިންފޮމޭޝަން އޮފިސަރަކު ނުވަތަ އިންފޮމޭޝަން އޮފިސަރުން ކަނޑައަޅާނީ، އެ އިދާރާއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ކަމަށް، މިޤާނޫނުގައި ބަޔާންކޮށްފައިވެ އެވެ. އަދި މި ޤާނޫނަށް ޢަމަލުކުރަން ފަށާ ދުވަހު [އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް] މިނަމުގައި އޮފީހެއް ޤާއިމުކުރަންވާނެ ކަމަށާއި އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ޢައްޔަނު ކުރާނީ، ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަމެއް ނުވަތަ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އެ ޖަލްސާއަކަށް ޙާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ މީހަކު ކަމަށް މި ޤާނޫނުގައި ބަޔާންކޮށްފައިވެ އެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަމަކީ ޢާންމުކޮށް އިޢުލާނުކޮށް އެކަމަށް އިޖާބަދޭ މީހުންގެ ތެރެއިން ހޮވާލެވޭ ނަމެއް ކަމުގައި ވާންވާނެ ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ.
އެ ގާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ، ގާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރާތާ ހަ މަސް ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.
މައުލޫމާތު ހޯދައި ލިބި ގަތުމުގެ ހައްގުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ މަހު 29 ވަނަ ދުވަހު އެވެ.