މިދިޔަ ހަފްތާގައި ނިމިގެންދިޔަ، ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ އަހަރީ ޓެކްނޮލޮޖީ ދައްކާލުމަށް ބޭއްވި އިންޓަނޭޝަނަލް ކޮންޒިއުމާ އިލެކްޓްރޯނިކްސް ޝޯ (ސީއީއެސް) ގައި އެންމެ އާދަޔާ ހިލާފު އެއްޗަކަށް ފެނިގެން ދިޔަ އެކައްޗަކީ ކެވޭ ގޮތަށް ހަކުރުލާފައި ހުރި ކުދި ކާ އެއްޗެހިތަކެކެވެ. ޓެކްނޮލޮޖީ ޝޯއެއްގައި މި ތަކެތި ފެނިގެން ދިޔައީ، އޮރިގާމީ ޕީސް ތަކެއް ގޮތަށް ފަރުމާކޮށްފައި ހުރި މި ކާއެއްޗެހިތައް އުފައްދާފައި ހުރީ ތްރީ-ޑީ ޕްރިންޓަރަކުން ކަމަށް ވާތީއެވެ.

މާހިރުން ބުނާގޮތުގައި މިއީ ތްރީ-ޑީ ޕްރިންޓަރު އާއްމުވަމުން އަންނަކަމުގެ އަލާމާތެކެވެ. މިދިޔަ އަހަރާ ހިލާފަށް މިއަހަރު 30 ކުންފުންޏަކުން ސީއީއެސް ގައި ތްރީ-ޑީ ޕްރިންޓަރު ދައްކާލާފައި ވެއެވެ. އަދި ސީއީއެސް ރާވާ ހިންގާ ކޮންޒިއުމާ އިލެކްޓްރޯނިކްސް އެސޯސިއޭޝަން އިން ބުނީ ޖާގަ ނެތުމުގެ ސަބަބުން ތްރީ-ޑީ ޕްރިންޓަރުތައް ދައްކާލަން ބޭނުންވި އެތައް ކުންފުންޏެއް ބައިވެރި ނުކޮށް ފޮނުވާންލަން ޖެހުނު ކަމަށެވެ.

ތުރީ-ޑީ ޕްރިންޓިން ނުވަތަ “އެޑިޓިވް މެނުފެކްޗަރިން” އަކީ ތްރީ-ޑައިމެންޝަނަލްކޮށް ހުންނަ، ހިފާ ގެންގުޅެވޭ ތަކެތި، ޕްރިންޓަރެއް ބޭނުންކޮށްގެން އުފެއްދުމެވެ.

މިސާލަކަށް ސައިބޯ ޖޯޑެއް، ތައްޓެއް ނުވަތަ ކުޅޭކުޅޭ ކާރެއް ވެސް ތްރީ-ޑީ ޕްރިންޓަރެއްގެ އެހީގައި އުފެއްދިދާނެ އެވެ. މިކަން ކުރަނީ ކޮމްޕިއުޓަރު މެދުވެރިކޮށް ޕްރިންޓް ކުރަން ބޭނުންވާ އެއްޗެއްގެ ފަރުމާ ޕްރިންޓަރަށް ފީޑުކޮށްގެންނެވެ.

ސީއީއެސް އިން ފެނިގެން ދިޔަ ޕްރިންޓްކޮށްފައި ހުރި ފޮނިކާ ތަކެއްޗަކީ “ޝެފްޖެޓް ޕްރޯ” ކިޔުނު ކުންފުންޏަކުން އުފައްދައި ދައްކާލި ތަކެއްޗެވެ. މިކުންފުންޏަކީ ދުނިޔޭގައި ކާއެއްޗެހި ޕްރިންޓްކުރާ ޕްރިންޓަރެއް އުފެއްދި ފުރަތަމަ ކުންފުންޏެވެ.

އެމެރިކާގެ ސައުތު ކެރޮލައިނާގެ ކުންފުންޏެއްކަމަށްވާ “ތްރީޑީ ސިސްޓަމްސް އިންކޯޕަރޭޓަޑް” އިން ބުނިގޮތުގައި ކުލަކޮށް ޕްރިންޓްކުރެވޭ ތްރީ-ޑީ ޕްރިންޓަރެއް މި އަހަރު ނިމޭއިރު ބާޒާރަށް ނެރެވޭ ވަރު ވާނެއެވެ. ނަމަވެސް މީގެ އަގަކީ 100،000 ޑޮލަރު ކަމުގައި އެ ކުންފުނިން ބުންޏެވެ. އަދި ހަމަ އެއާ އެކު އެ ކުންފުނިން ދަނީ އޭގެ ބްލެކް އެންޑް ވައިޓް ޕްރިންޓަރެއް ވެސް ގާތްގަނޑަކަށް 50،000 ޑޮލަރަށް ނެރެން މަސައްކަތް ކުރަމުންނެވެ. ނަމަވެސް 1،500 ޑޮލަރުންގެ ކުޑަ އަގެއްގައި ވެސް މިއަދުގެ ބާޒާރުގައި ތްރީ-ޑީ ޕްރިންޓަރު ލިބެން އެބަހުއްޓެވެ.

ގަހަނާ ހެދުމަށް ވެސް ތްރީ-ޑީ ޕްރިންޓަރު ބޭނުންކުރެއެވެ. މިކަން ކުރަނީ ވަރަށް އަލިގަދަ އަލްޓްރާވަޔޮލެޓް އައްޔެއް އަޅުވައިގެ ދިޔާކޮށް ހުންނަ ރެޒިން ވަކި ގޮތަކަށް ބައްޓަންކޮށް ތައްގަނޑެއް ހަދައިގެންނެވެ. އަދި އެއަށް ފަހު، ހޫނުކޮށް ދިޔާ ކުރުމަށްފަހު ރަން، ރިހި އަދި އެހެނިހެން ވެސް މައުދަނުތައް މި ރެޒިން ތައްގަނޑަށް އަޅައި ސެޓުކުރުމުން އެ ތައްގަނޑެއްގެ ގަހަނާ ހެދެއެވެ. ތްރީ-ޑީ ޕްރިންޓަރު ބޭނުންކޮށްގެން އަނގޮޓި، ކެވެލިކޮޅު، ނުވަތަ ކަރުގައި އަޅާ ފަށް ފަދަ ތަކެތި، ބޭނުން ފަރުމާއަކަށް އުފައްދާ ކުންފުނިތައް މިއަދުވެސް ދުނިޔޭގައި އެބަ ހުއްޓެވެ.

ސައުތު އެފްރިކާގައި ދިރިއުޅޭ ވަޑާން ކުރާ މީހެއްގެ އަތުގެ ހަތަރު އިންގިއްޔެއް ބުރިވުމުން ތްރީ ޑީ ޕްރިންޓަރެއް ބޭނުންކޮށްގެން އޭނާއަށް އައު މެކޭނިކަލް އަތެއް ވެސް އުފައްދާފައިވެ އެވެ. މީނާ ބޭނުންކުރި ޕްރިންޓަރު އުފައްދާފައި ވަނީ އެމެރިކާގެ ނިއުޔޯކުގެ މޭކާބޮޓް ކިޔާ ކުންފުންޏަކުންނެވެ.

“އާއްމުގޮތެއްގައި ޕްރޮސްތެޓިކް (ޕްލާސްޓިކުން ހަދާފައިވާ މަސްނޫއީ ގުނަވަން) އުފެއްދުމަކީ އެތައް ހާސް ޑޮލަރެއް ހޭދަވާ އަގު ބޮޑު ކަމެއް. އެހެން ނަމަވެސް މޭކާބޮޓް ބޭނުންކޮށްގެން މިފަދަ ތަކެތި ފަސް ޑޮލަރުގެ ތަކެތީގައި އުފެއްދޭ،” މޭކާބޮޓް ތްރީ-ޑީ ޕްރިންޓަރު އުފައްދާ ކުންފުނީގެ ސީއީއޯ ބްރީ ޕްރެޓިސް ބުންޏެވެ.

މިފަދަ ކުރިއެކުރުންތަކާ އެކު މިހާރު ކުރެވޭ ސުވާލަކީ ކުރިއަށް އޮތްތާނގައި ކޮންމެ ގެއެއްގައި ވެސް ތުރީ-ޑީ ޕްރިންޓަރެއް ހުންނާނެ ބާވައެވެ؟ ތަށި ތަޅައިގެން ދިއުމުން އައު ތައްޓެއް ގަތުމުގެ ބަދަލުގައި ތުރީ-ޑީ ޕްރިންޓަރުން ތަށި ޕްރިންޓްކޮށްލައިގެން ބޭނުންކުރުން އޮތީ މާ ދުރުގައި ނޫންކަމަށް ވެދާނެއެވެ.