12 Jan 2014, 14:06
ފުވައްމުލަކުގައި ބިނާކުރުމަށް ހަމަޖެހިފައިވާ ތިން ސްޕޯޓްސް އެރީނާގެ ބިންގާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރު މުހައްމަދު ޖަމީލް އަހުމަދު އަޅުއްވައިދެއްވައިފި އެވެ.
ނައިބު ރައީސް ޑޮކްޓަރު ޖަމީލް އެ ތިން ސްޕޯޓްސް އެރިނާގެ ބިންގާ އަޅުއްވާދެއްވީ ހުސްވި ހަފްތާގެ ބުރާސްފަތި ދުވަހު އެރަށަށް ކުރެވި ދަތުރުފުޅެއްގެތެރެއިންނެވެ.
ފުވައްމުލަކުގައި ބިންގާ އެޅިގެން ދިޔަ ތިން ސްޕޯޓްސް އެރީނާގެ އިތުރުން ރާއްޖޭގައި 2000 މީހުންނަށް ވުރެ އާބާދީ އިތުރު ސަރަހައްދުތަކުގައި ވެސް ސަރުކާރުން ވަނީ ސްޕޯޓްސް އެރީނާ އެޅުމަށް ހަމަޖެހިފަ އެވެ.
ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 30 ސްޕޯޓްސް އެރީނާ ގާއިމު ކުރާނެ ކަމަށް ޔޫތް މިނިސްޓްރީން އިން ވެސް ވަނީ ބުނެފަ އެވެ.
ސްޕޯޓްސް އެރީނާގެ ތެރޭގައި ހިމެނޭނީ، އިންޑޯ ބަޔަކާއި އައުޓްޑޯ ބައެކެވެ. އެގޮތުން އިންޑޯ ބައިގެ ތެރޭގައި ވޮލީބޯޅަ ކޯޓަކާއި ބެޑްމިންޓަން ކޯޓެއް ވަނީ ހިމަނާފަ އެވެ. އަދި ން ބިލިއާޑާއި ޗެސް އަދި ޓޭބަލްޓެނިސް ކުޅެވޭނެ ވަސީލަތްތަކާއި ޖިމްއެއް ހިމެނެ އެވެ. ސްޕޯޓްސް އެރީނާގެ އައުޓްޑޯ ބައިގެ ތެރޭގައި ބާސްކެޓްބޯޅަ ކޯޓަކާއި ފުޓްސަލް ދަނޑަކާއި ބަށި ކުޅޭ ދަނޑަކާއި އަދި ޖޮގިން އެރީނާ ހިމެނޭ ގޮތަށް ފުޓްބޯޅަ ދަނޑެއް ހިމެނޭނެ ކަމަށް ޔޫތު މިންސްޓުރީން މައުލޫމާތުދެ އެވެ.
ޔޫތް މިނިސްޓްރީގެ ބަޖެޓުން ހަރަދު ކުރުމަށް ހަމަޖެހިފައިވާ ސްޕޯޓްސް އެރީނާ ގާއިމް ކުރުމަށް 388000 އަކަފޫޓުގެ ބިން ބޭނުންވާ ކަމަށް ވެސް މިނިސްޓްރީން މައުލޫމާތުދެ އެވެ.