12 Jan 2014, 13:50
ދިވެހި ފުލުހުންނަށް އަމާޒުކޮށްގެން ވައިޓަލް އިންފްރާސްޓްރަކްޗަރު ސެކިއުރިޓީ ކޯހެއް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން ފަށައިފި އެވެ.
މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތު އެ ކޯސް ފައްޓަވައި ދެއްވި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު މުހައްމަދު ވިދާޅުވީ ސިޔާސީ ހިޔާލުވުން ފަދަ ކަންތައްތަކާ ގުޅިގެން ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮތް އެއްބައިވަންތަކަމާއި އެކުވެރިކަން މިހާރު ނެތެމުންދާ ކަމަށެވެ. އަދި ރާއްޖެ ފަދަ ޓޫރިޒަމަށް ބަރޯސާވެފައިވާ ގައުމަކަށް އެކަމުގެ ސަބަބުން ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފުލުހުން ބުނީ މިއަދުން ފެށިގެން 10 ދުވަހުގެ މުއްދަތަށް ހިންގާ އެންޓި ޓެރަރިޒަމް އެސިސްޓަންސް ޕްރޮގްރާމްގެ ދަށުން އެ ކޯހުގައި ފުލުހުންގެ އެކި ރޭންކުތަކުން ޖުމްލަ 24 މީހުން ބައިވެރިވާނެ ކަމަށެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އިސްނަގައިގެން ހިންގާ އެންޓި ޓެރަރިޒަމް އެސިސްޓަންސް ޕްރޮގްރާމްގެ ދަށުން ވޭތުވެ ދިޔަ ދެ އަހަރު ދުވަހު ވެސް އެފަދަ ކޯސްތަކެއް ރާއްޖޭގައި ބާއްވައި 170 އޮފިސަރުން ވަނީ ތަމްރީންކޮށްފަ އެވެ.