12 Jan 2014, 13:32
އަތޮޅުތަކުގައި އުޅޭ މީހުން މާލެއަށް ނުގޮސް ޓްރާންސްޕޯޓުންދޭ ހިދުމަތް ހަމަޖެއްސުމުގެ ގޮތުން ހަތް އަތޮޅަކުން އޭ ޒޯން ލައިސަންސް ދޫކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނީ އޭ ޒޯން ލައިސަންސް މިހާރު ދޫކުރަނީ ހއ. ދިއްދޫންނާއި ހދ. ކުޅުދުއްފުށިންނާއި ނ. މަނަދޫންނާއި ގއ. ވިލިނގިލިންނާއި ގދ. ތިނަދޫންނާއި ފުވައްމުލަކުގެ އިތުރުން އައްޑޫ ސިޓީގެ ހިތަދޫން ކަމަށެވެ. އަދި ވަރަށް އަވަހަށް ބ. އޭދަފުށިން ވެސް އޭ ޒޯން ލައިސަންސު ދޫކުރާނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއް ރަޝީދު ނާފިޒު"ސަން"އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިހާރު ރާއްޖޭގެ އަތޮޅުތަކުގެ ރައްޔިތުންނަށް މާލެއަށް ނުގޮސް ލައިސަންސް ނެގުމާއި، ވެހިކަލް ރަޖިސްޓްރީ ކުރުމާއި އަދިވެސް ޓްރާންސްޕޯޓް އޮތޯރިޓީން ދެމުންގެންދާ ހުރިހާ ވަރަށް ގިނަ ހިދުމަތެއް ލިބޭނެ ކަމަށެވެ.
"ކުރިން އަތޮޅުތަކުގައި ނަގާ ލައިސަންސް ތަކުގައި ދުއްވުމުގެ ހުއްދަ އޮންނާނީ ހަމައެކަނި އެރަށެއް ހިމެނޭ ޒޯންގައި. އެކަމަކު މިހާރު ނަގާ ލައިސަންސްގައި ހުރިހާ ޒޯނެއްގައި ދުއްވުމުގެ ހުއްދަވެސް ލިބޭނެ،" އޭނާ ވިދާޅުވި އެވެ. އެ ހިދުމަތް ދިނުމަށް ޓްރާންސްޕޯޓް އޮތޯރިޓީން އެ އަތޮޅުތަކުގައި މަސައްކަތްކުރާ ޓްރާންސްޕޯޓްގެ މުއައްޒަފުން ތަމްރީނު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެގޮތަށް ހިދުމަތް ދޭން ފެށުމުން ރާއްޖޭގެ ދުރު ހިސާބުތަކުގައި ތިބި މީހުންނަށް "ހަމައެކަނި ލައިސަންސް ނަގަން ނުވަތަ ވެހިކަލް ރަޖިސްޓްރީ ކޮއްލަން ބޮޑު ހަރަދެއް ނުކޮށް،" ފަސޭހައިން ޓްރާންސްޕޯޓްގެ ހިދުމަތް ލިބިގެންދާނެ ކަމަށް ޓްރާންޕޯޓް އޮތޯރިޓިގެ ޗެއާމަން ވިދާޅުވި އެވެ.
އެގޮތުން މިހާރު ނ. އަތޮޅަށް ހާއްސަކޮއްގެން އެ އަތޮޅު ވެލިދޫގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ހިދުމަތް ދޭން ފަށާފައިވާ ކަމަށާއި ވަރަށް އަވަހަށް އެހެން ހިސާބުތަކުގައި ވެސް ހިދުމަތްދޭން ފައްޓަވާނެކަމުގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން ވިދާޅުވި އެވެ.