އެކާވީސް އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ފައިނަލް ސްކޮޑް އަންނަ އަންގާރަ ދުވަހު ނަގާނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.

މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން މީގެ ދެތިން ދުވަހެއްގެ ކުރިން ޕްރެކްޓިސް ފަށާފައިވާ ނިއުގެ ޔޫތުޓީމުގެ ހެޑް ކޯޗް އަހުމަދު ނިޔާޒް ބުނީ، ޖުމްލަކޮށް ޓީމުގައި މިވަގުތު ތިބި ކުޅުންތެރިންނާ މެދު އެއްޗެކޭ ބުނަން އަވަސް ކަމަށާއި ޔޫތު ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންގެ ތެރެއިން ހަތަރު ކުޅުންތެރިންނަކީ ސީނިއާ ޓީމުގައި ވެސް ހިމެނޭ ކުޅުންތެރިން ކަމަށެވެ.

"އަދި ޕްރެކްޓިސް ފެށިފަހުން ދެތިން ދުވަހެއްވީ. ފައިނަލް ސްކޮޑެއް މިމަހު 14 ވަނަ ދުވަހު ނެގޭތޯ މިބަލަނީ. ސްކޮޑަށް ނަގާނީ 25 ކުޅުންތެރިން. ޔޫތު ޓީމުގައި ހިމެނޭ ދެތިން ހަތަރު ކުޅުންތެރިއަކު ސީނިއާ ޓީމުގައި ވެސް އެބަހިމެނޭ." ކޯޗް ނިޔާޒް ބުންޏެވެ.

ޓާފް ދެނަންބަރު ދަނޑުގައި އިއްޔެ ހަވީރު އޮތް ނިއުގެ ޔޫތު ޓީމުގެ ޕްރެކްޓިސްގައި ޖުމްލަ 28 ކުޅުންތެރިއަކު ބައިވެރިވެފައިވެ އެވެ.

މިމަހުގެ 25ގައި ފެށުމަށް ހަމަޖެހިފައިވާ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރަތުގައި ޖުމްލަ 14 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. މުބާރާތުގައި ބައިވެރިވެފައި ވަނީ އެންމެ ފަހުގެ ޗެމްޕިއަން ވެލެންސިއާ އާއި މިދިޔަ އަހަރުގެ ރަނަރަޕް ބީޖީ ސްޕޯޓްސްގެ އިތުރުން ނިއު ރޭޑިއަންޓް، މާޒިޔާ، އީގަލްސް، އޭވައިއެލް، ވިކްޓަރީ، މަހިބަދޫ ސްޕޯޓްސް ކްލަބު ގްރީން ސްޓްރީޓް، އޭދަފުށި، ވައިކަރަދޫ ފުޓްބޯލް ކްލަބު، ވޭރު ސްޕޯޓްސް ކްލަބު ކެލާ ނާޅި އަދި ވިލިމާލޭ ޔުނައިޓެޑް އެވެ.

ރާއްޖޭގައި ޒުވާން ފުޓްބޯޅަ ކުޅުންތެރިން އިތުރަށް އުފައްދައި އާ ކުޅުންތެރިންނަށް ފުރުސަތު ހޯދައި ދިނުމުގެ ގޮތުން އެފްއޭއެމްއިން 2011 ވަނަ އަހަރު ތައާރަފްކުރި މި މުބާރާތަކީ ޖަޕާން ފުޓްބޯލް އެސޯސިއޭޝަން (ޖޭއެފްއޭ)ގެ އެހީތެރިކަމާ ބާއްވަމުން އަންނަ މުބާރާތެކެވެ.