ހުޅުމާލޭގެ އުތުރުން އެއްފަޅެއްގައި އޮންނަ ރިސޯޓް، ކ. ފަރުކޮޅުފުށި (ކުލަބްފަރު) ދެ އަހަރު ދުވަހުގެ މުއްދަތަކަށް ކުއްޔަށް ދިނުމަށް ޓޫރިޒަމް މިނިސްޓްރީއިން އިއުލާންކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ރަށަކީ ހުޅުމާލެ ހިއްކުމުގެ ދެވަނަ ފޭސްގެ ދަށުން ހިއްކޭނެ ސަރަހައްދަކަށް ވުމާއެކު، ފަރުކޮޅުފުށި ކުއްޔަށް ދެވޭނީ މުއްދަތު އިތުރު ނުކުރެވޭ ގޮތަށް ކަމަށެވެ.

ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން ކުލަބް ފަރު އަނބުރާ ނަނގާފައި ވަނީ ހުޅުމާލޭގެ ދެވަނަ ފޭސް ވަރަށް އަވަހަށް ފަށަން ހަމަޖެހިފައިވާ ކަމަށް ބުނެ އެވެ. އޭގެ ފަހުން ރައީސް ވަހީދުގެ ސަރުކާރުން ވަނީ ހުޅުމާލޭގެ ދެވަނަ ފޭސްގެ މާސްޓާޕްލޭން އެކުލަވާލައި އާއްމު ވެސް ކޮށްފަ އެވެ. މާސްޓާޕްލޭންގައިވާ ގޮތުން ފަރުކޮޅުފުށި ވަށައިގެންވާ ގޮނޑުދޮށް ސަރައްދުން 50 ޕަސަންޓް ނުހިއްކާ ސަލާމަތްކުރެވޭނެ އެވެ. އަދި ފަރުކޮޅުފުށި ތަރައްގީކުރަން ހުށަހަޅާފައި ވަނީ ސަގާފީ ރަށެއް ނުވަތަ "ހެރިޓޭޖް އައިލެންޑް"ގެ ކޮންސެޕްޓަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ އިއުލާންގައި ބުނެފައި ވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި ބިޑް ހުޅުވުން އޮންނާނީ 30 ވަނަ ދުވަހު ކަމަށެވެ. އަދި އަންގާރަ ދުވަހުން ފެށިގެން ބީލަން ފޮތް ޓޫރިޒަމް މިނިސްޓްރީއިން ވިއްކުމަށް ހަމަޖެހިފައިވާއިރު، ބީލަން ފޮތުގެ އަގު އުޅެނީ ދިވެހިންނަށް 2000 ރުފިޔާ އަދި ބޭރުގެ ފަރާތްތަކަށް 300 އެމެރިކާ ޑޮލަރަށެވެ.