12 Jan 2014, 12:52
ނިމިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަނުގައި ރާއްޖޭގެ ޗެމްޕިއަން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ އެސިސްޓެންޓު ކޯޗް ކަމުގެ މަގާމްގައި ހުރި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ތޮއްޑޫ މުހައްމަދު ނިޒާމް ވެލެންސިއާގެ ޔޫތު ޓީމުގެ ކޯޗް ކަމާ ހަވާލުވެއްޖެ އެވެ.
ވެލެންސިއާގެ ޔޫތު ޓީމުގެ ކޯޗް ކަމާ ތޮއްޑޫ ނިޒާމް ހަވާލުވުމަށްފަހު، އޭނަ ވަނީ އިއްޔެ ހަވީރު ޓާފް ދަންޑުގައި އޮތް ވެލެންސިއާގެ ޔޫތު ޓީމަށް ކޯޗްކަން ކޮށްދީފަ އެވެ. ވެލެންސިޔާ އަކީ ނިމިދިޔަ އަހަރުގެ ޔޫތް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންޓީމެވެ. މިއަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 25 ވަނަ ދުވަހު އެވެ. މުބާރާތުގައި ޖުމްލަ 14 ޓީމް ވަނީ ބައިވެރިވެފަ އެވެ.
ވެލެންސިއާގެ ޔޫތު ޓީމުގެ ކޯޗް ކަމާ ހަވާލުވި، ތޮއްޑޫ ނިޒާމްގެ ފުޓްބޯޅަ ކެރިއަރުގައި އޭނަ ވަނީ ނުހަނު ގިނަ ކާމިޔާބީތައް ހޯދައިފަ އެވެ. އެގޮތުން އޭނާގެ ރަށު ޓީމުން ފާހަގަ ވުމަށް ފަހުން ދެން ފެނިގެންދިޔައީ ކުރީގެ ލިއޯސްޕޯޓްސް ކުލަބާއި ކްލަބް ލެގޫންސުންނެވެ. އެއަށް ފަހު 1995 ވަނަ އަހަރުގެ އޭޝިއަންކަޕްވިނާސް ކަޕުގެ ގަދަ އަށަކަށް ނިއު ރޭޑިއަންޓް ދަތުރުކުރި އިރު އެ މުބާރާތުގައި ނިއު އަށް ކުޅެނިޒާމް ވަނީ މުހިންމު ގޯލުތަކެއް ވެސް ޖަހައިދީފަ އެވެ.
ނިޒާމުގެ ފުޓްބޯޅަ ކެރިއަރުގެ ގިނަ ދުވަސްތައް އޭނާ ހޭދަކޮށްފައި ވަނީ އެ ކްލަބަކަށް އޭނާއަބަދު ވެސް ސަޕޯޓް ކުރާ ކްލަބް ވެލެންސިއާގަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފުޓްބޯޅައިން އޭނާއަށް ލިބުނު ގިނަގުނަ ކާމިޔާބީތައް ވެސް ގުޅިފައި ވަނީ މެދުނުކެނޑި 10 އަހަރު ވަންދެން އޭނާލަމުން ދިޔަ ވެލެންސިއާގެ ރީނދޫ ޖާޒީއާ އެވެ. ނިޒާމް ވެލެންސިއާގެ ރީނދޫ ކުލަ އިހުތިޔާރު ކުރީ1996ވަނަ އަހަރު އެވެ. އެއަށް ފަހު ވެލެންސިއާ އިން އޭނާ ކުލަބު ބަދަލުކުރީ 2006 ވަނަ އަހަރު އައިއެފްސީ އަށް ކުޅުމަށެވެ.
ނިޒާމް ވަނީ އޭނާގެ ރަންދުވަސްވަރު އެހެން ކުޅުންތެރިންނަށް ވުރެ ގިނަގުނަ ކާމިޔާބުތަކަކާއި ރެކޯޑްތަކެއް ވެސް ހާސިލްކޮށްފަ އެވެ. ރާއްޖޭގައި ބޭއްވި އެންމެ އަގުބޮޑު މުބާރާތް ކަމަށްވާ ކަޕް ވިނާސް ކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރު ހޯދި ދެ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއަކީ ވެސް އޭނާ އެވެ. 1998 ވަނަ އަހަރާއި 2002 ވަނަ އަހަރު އޭނާ މި މަގާމު ހޯދި އިރު ނިޒާމް އެންމެ އުފާވީ 98 ވަނަ އަހަރު އަހަރު އެވެ. ސަބަބަކީ އެ އަހަރަކީ ވެލެންސިއާ ކަޕް ވިނާސް ކަޕު މިލްކުކުރިއިރު އަހަރަށްވެފައި އެ ފަހަރުވެރި ކާމިޔާބީ އެ ޓީމު ހޯދީ އޭނާގެ ކެޕްޓަންކަމުގެ ދަށުގައި ކަމަށްވާތީ އެވެ.
ފަހަތާއި މެދުތެރެ އަދި ފޯވަޑުގެ މަގާމަށް ވެސް ކުޅެ މުހިންމު ގިނަ ގޯލުތަކެއް ވެސް ޖަހައިފައިވާ ނިޒާމަކީ ފަހަކަށް އައިސް ފުޓްބޯޅައިން އެންމެ ގިނަވަނަތައް ހާސިލްކުރި ކުޅުންތެރިޔާވެސްމެ އެވެ.
ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން ޒުވާން އުމުރުގައި އެންމެ އަވަހަށް ސަރުކާރުން ދެއްވާކުޅިވަރުގެ ގައުމީ އިނާމް ލިބުނު އެއް ކުޅުންތެރިއަކީ ވެސް ވެލެންސިއާ އާއި ގައުމީ ފުޓްބޯޅަޓީމުގެ ކުރީގެ ކެޕްޓަން ތޮއްޑޫ ނިޒާމެވެ.