12 Jan 2014, 12:51
މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މީހަކަށް ވަޒީފާ ދިންކަމުގެ ތުހުމަތުގައި އަޕަނޯތު ޔުނިޓިލިޓީސް ލިމިޓެޑުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހއ. ދިއްދޫ ބޮކަރުމާގޭ އަބްދުﷲ ވަހީދުގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ހދ. ނައިވާދޫ އިންޖީޏުގެ އަށް ޑެޕިއުޓީ މެކޭނިކެއް ހޯދުމަށް ކުރި އިއުލާނާ ގުޅިގެން ހަދާފައިވާ އިވެލުއޭޝަން ޝީޓޫގައި އެ މަގާމަށް ހޮވިފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ނައިވާދު އަށް އައްޔަން ކުރި ކައުންސިލަރު މުހައްމަދު ޝަފީގު އާދަމް ކަމަށެވެ.
ޝަފީގަށް އެ މަގާމް ހަމަޖެއްސި ނަމަވެސް އޭނާ އަކީ އެ ކުންފުނިން ކުރި އިއުލާނަކާ ގުޅިގެން މަގާމަށް ކުރިމަތިލީ ދެ މީހުންގެ ތެރެއިން ދެވަނަ އަށް އެންމެ ގިނަ ޕޮއިންޓް ލިބުނު ފަރާތްކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
އިވެލުއޭޝަން ޝީޓުގައި އެގޮތަށް ލިޔެފައިވާ އިރު، އެ މަގާމަށް ހަގީގަތުގައި ވެސް ހޮވުނު ފަރާތްކަމަށްވާ އިންޖީނުގޭގެ، ޕަވާ ހައުސް އެޓެންޑުގެ މަގާމުގައި ހުރި އަލީ އަކްރަމަށް އެ މަގާމް ހަމަޖައްސާފައިވާ ކަމަށެވެ.
އަކްރަމް އެ މަގާމަށް ބަދަލުކުރުމަށް ފަހު، ޕަވާހައުސް އެޓެންޑެންޓުގެ މަގާމް ހުސްވެފައި ވާތީ އިއުލާން ކުރުމާ ނުލައި ޝަފީގަށް އެ މަގާމް ދެއްވާފައިވާ ކަމަށް ވެސް އޭސީސީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
އެ މައްސަލައާ ގުޅިގެން އަބްދުﷲ ވަހީދާ ސުވާލުކުރުމުން އިއުލާންނުކޮށް މީހުން ވައްދަންޖެހިއްޖެ ހާލަތެއްގައި އިއުލާންނުކޮށް މުވައްޒަފުން ވެއްދޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް ވިދާޅުވެ ތަހުގީގަށް ބަޔާންދީފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.
އޭނާ އެގޮތަށް ވިދާޅުވި ނަމަވެސް ޝަފީގަށް އެ މަގާމް ދެއްވާފައި ވަނީ ކުންފުނީގެ މުވައްޒަފުންނާ ބެހޭ ގަވާއިދުގައި ބުނާފަދަ ވަގުތީ ވަޒީފާއެއްގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުސޫލުން ނޫންކަން ތަހުގީގަށް ފާހަގަ ކުރެވޭ ކަމަށް ވެސް އޭސީސީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ އެ ކުންފުނީގެ މުވައްޒަފުންނާ ބެހޭ ގަވާއިދުގައި ބުނެފައިވާ ގޮތުން އާންމު އުސޫލުން ވަގުތީ މަގާމްތަކަށް ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ހަމަޖައްސަން ވާނީ އިއުލާން ކޮށްގެން ކަމަށާއި ނަމަވެސް މަސައްކަތުގެ ހާލަތާއި ބާވަތަށް ބަލައި އިއުލާންނުކޮށް ވަގުތީ މުވައްޒަފުން ގެނުމަށް އެ ގަވާއިދު ހުރަހެއް ނާޅާ ކަމަށެވެ.
"އަޕާ ނޯތު ޔުޓިލިޓީޒް ލިމިޓެޑުގެ މުވައްޒަފުންނާ ބެހޭ ގަވާއިދާ ގަވާއިދާ ޚިލާފަށް އިއުލާން ކުރުމަކާ ނުލައި ހދ. ނައިވާދޫ އިންޖީނުގޭގެ ޕަވާހައުސް އެޓެންޑެންޓްގެ މަގާމަށް ހދ. ނައިވާދޫ ނަފާ މުހައްމަދު ޝަފީގު އާދަމް ހަމަޖައްސާފައި ވަނީ އޭރުގެ އަޕަ ނޯތު ޔުޓިލިޓީޒް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު ހއ. ދިއްދޫ ބޮކަރުމާގޭ އަބްދުﷲ ވަހީދު މަގާމުގެ ނުފީޒު ބޭނުންކޮށްގެން މުހައްމަދު ޝަފީގު އާދަމަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ގޮތުން ކަން ފާހަގަކުރެވޭތީ ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނުގެ ދަށުން އަބްދުﷲ ވަހީދުގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފަ އެވެ،" އޭސީސީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.